ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހުންތަކެއްގެ ހަށިގަނޑުތައް ޑަސްޕިން ކޮތަޅުތަކުގައި ބަންދުކޮށް ބަލި މީހުންނަށް ފަރުވާދޭ އެނދުތަކުގެ ކައިރީގައި ބަހައްޓާފައި ހުންނަ މަންޒަރު ފެންނަ ފޮޓޯތަކެއް ދައުރުވާން ފަށައިފިއެވެ.

ބައިނަލްއަގުވާމީ ހަބަރުތައް ގެނެސްދޭ "ޑެއިލީ މެއިލް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކަކީ ބްރެޒިލްގެ ވެރިކަންކުރާ ސިޓީކަމަށްވާ ރިއޯގެ ހޮސްޕިޓަލެއްގައި ބަލި މީހުންނަށް ފަރުވާދޭ ތަނުގެ ހާލަތު ދައްކައިދޭ ފޮޓޯތަކެކެވެ.

ބްރެޒިލްއަކީ އެމެރިކާއަށް ފަހު ގިނަ އިން މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމުކަން ފާހަގަކޮށްލެވެއެވެ. ބްރެޒިލްގައި މިހާތަނަށް މި ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު 52،000 އަށްވުރެ އިތުރުވެފައިވާއިރު އެ ގައުމުން ކޮވިޑް-19 އަށް 1.1 މިލިއަން މީހުން ވަނީ ފައްސިވެފައެވެ.

މި ފޮޓޯތައް ނަގާފައިވަނީ ރިއޯގެ ނަރުހުންގެ ޔޫނިއަނުންނެވެ. އެ ފޮޓޯތަކުން ފެންނަނީ ހާލު ބޮޑު ބަލި މީހަކަށް ފަރުވާ ދެމުން ދިޔަ އެނދެއްގެ ކައިރީގައި މި ބަލީގައި މަރުވެފައިވާ މީހުން ބޮޑެތި ކަޅު ޑަސްބިން ކޮތަޅުތަކަކަށް ލައި ޓޭޕުން ބަންދުކޮށްފައިވާ މަންޒަރެވެ.

ދާދި ފަހުން "ސީއެންއެން" އިން ވެސް ވަނީ ފަހަރަކު 75 ހަށިގަނޑު ލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންޓެއިނާއެއްގެ ބޭރުގައި ވެސް މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ހުންނަ ތަން ފެންނަ ވީޑިއޯއެއް ބްރޯޑްކާސްޓުކޮށްފައެވެ. އެއީ ބްރެޒިލް ކަމަށް ސީއެންއެން އިން ބުނެފައިވާ އިރު ބޮޑަށް ލަފާކުރެވޭ ގޮތުގައި އެއީވެސް މި ހޮސްޕިޓަލުގެ ކައިރިން ފެނިފައިވާ މަންޒަރެއް ކަމަށް ޑެއިލީމެއިލް އިން ވަނީ ރިޕޯޓުކޮށްފައެވެ.

ބްރެޒިލްގައި ގިނަ ބަޔަކު މި ބަލީގައި މަރުވަމުން އަންނަ އިރު، އެގައުމުގައި ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ގިނަ ބަޔަކަށް ވެސް ވަނީ މި ބަލި ޖެހިފައެވެ.

ކޮވިޑް-19 އަކީ ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ބައްޔެއް ނަމަވެސް، މި ބައްޔަށް މިހާތަނަށް އެދެވިގެންވާ ފަރުވާއެއް ހޯދިފައެއެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޅެންވެރިޔާ

    ހަމަ ތެދޭ އަޖަލުގެ ވަގުތު ނޭނގޭނެޔޭ މަޚުލޫޤަަ ކަށް
    ޢަމަލުތައް ސީދާ ކުރައްވާ ދުނިޔަވީ އަޅު ކަންް ކުރޭ
    ހަމަ މިހިނދުވެސް މަރުނުވާނޭ ކަމުގެ އުއްމީދެއް ނެތޭ
    ކަމަރު ބަނދެގެން އުޚްރަވީ ދަތުރަށްޓަ ކާ އަޅު ކަން ކުރޭ.....