މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ކޮވިޑް-19 ގެ ޓްރޭސް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ސްޕެއިންގެ ބާސެލޯނާއިން ފެނިފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މިއާއެކު މިހާރު ބެލެވޭގޮތުގައި މިދިޔަ އަހަރު ޑިސެމްބަރު މަހު ޗައިނާއިން މި ވައިރަސް ފެނުމުގެ ކުރިން ސްޕޭނުން ވަނީ ބަލި ފެނިފައެވެ. އަދި މިކަމަށް ސީދާ ބާރުދޭވަރުގެ ނިންމުމަކަށް ސައިންސްވެރިން ގެންގޮސްފައެއް ނުވެއެވެ.

ސްޕެއިންގެ ބާސެލޯނާއިން ކޮވިޑް-19ގެ ޖެނޯމް ފެނިފައިވަނީ އެ ސަރަހައްދުގެ ފާހާނާ ނިޒާމުގެ ތެރެއިން ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

ސްޕެނިޝް ސޮސައިޓީ ފޯ ޕަބްލިކް ހެލްތް އެންޑް ސެނިޓަރީ އެޑްމިނިސްޓްރޭޝަނުންގެ ޑރ. ޖޯން ރަމޮން ބުނެފައިވަނީ މިފަދަ ދިރާސާއެއް ކުރެވިފައިވީނަމަސް މިއީ އެންމެ ސާމްޕަލް އެއް ކަމަށާއި މިކަން ޔަގީން ކުރުމަށް އިތުރު ސާމްޕަލްތައް ނަގަން ޖެހޭ ކަމަށެވެ.

ބާސެލޯނާގެ ޔުނިވާސިޓީގެ ދިރާސާ ޓީމުން ހަދާފައިވާ މި ދިރާސާ އިތުރަށް ޔަގީން ކުރުމަށް އެފަރާތުން އަންނަނީ އޭޕްރިލް މަހުން ފެށިގެން އެސަރަހައްދުގެ ފާހަނާ ނިޒާމުން ބޭރުވާ ފެން ތަހުލީލު ކުރަމުންނެވެ.

އެންމެ ފަހުގެ ދިރާސާއިން ދައްކާ ގޮތުގައި މިއަހަރު ސްޕޭނުން ކޮވިޑް-19 ފެނުމުގެ 41 ދުވަސް ކުރިން ޖެނުއަރީ 15 ގައި އެގައުމުން ނެގި ސާމްޕަލްގައި ކޮވިޑް-19 ގެ އަސަރު ހުއްޓެވެ.

މީގެ އިތުރުން 2018 އަދި 2019 ގައި ނެގި ސާމްޕަލެއްގައިވެސް ކޮވިޑް-19 ގެ އަސަރު ވަނީ ފެނިފައެވެ.

ސްޕެއިން އިން މިފަދަ ގޮތަކަށް ދިރާސާ ކޮށްފައިވާއިރު، އިޓަލީގެ ދެ ސިޓީއަކުން މިދިޔަ ޑިސެމްބަރު މަހު ކޮވިޑް-19 ގެ އަސަރު ފެނިފައިވާ ކަމަށް އެގައުމުން ވަނީ ބުނެފައެވެ. މީގެ އިތުރުން ފްރާންސްއިންވެސް ޑިސެމްބަރު މަހުގައި ނިއުމޯނިއާ ޖެހިގެން ފަރުވާ ދެމުން ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަން ވަނީ ހާމަ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    ތިވާހަކަ ކުރިން ވެސް މަބުނިން. މީހުން ދިނީ ބީރު ކަންފަތެއް!