ކޮވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދުކޮށް، ގިނަ ކާގޯ ފްލައިޓްތައް ވެސް ކެންސަލް ކުރަމުން ގެންދާތީ ޕާކިސްތާންގައި އަނބު ހައްދާ މީހުންގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސް، ގޮތް ހުސްވެއްޖެއެވެ.

ޕާކިސްތާންގެ ދަނޑުވެރިން ހައްދާފައިވާ އަނބު ގަސްތަކުގައި އަނބުތައް ދޮންވެ، އެތައް ހާސް ޓަނެއްގެ އަނބުތައް ދަނީ ހަލާކު ވަމުންނެވެ.

"އަހަރެން އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތަކީ މިއީ. މިހާރު އެއްވެސް އާމްދަނީއެއް ނުލިބި، އާއިލާގެ ޚަރަދުތައް ހަމަޖައްސަން މިވަނީ ދަތިތައް ދިމާވެފައި." ދަނޑުވެރިއެއް ކަމަށްވާ މުހައްމަދު ބުންޏެވެ.

ޕާކިސްތާނުން އާއްމު ގޮތެއްގައި އަނބު އެކްސްޕޯޓް ކުރަނީ އިންޑިއާ، ޗައިނާ، ތައިލެންޑް އަދި އިންޑޮނޭޝިއާ އަށެވެ. މީގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކަށާއި އެމެރިކާ އަށް ވެސް ޕާކިސްތާނުން އަނބު އެކްސްޕޯޓް ކުރެއެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އެގައުމުތަކުގެ ވިޔަފާރިތައް ވެސް ބަންދު ކުރަން ޖެހިފައި ވުމުން ކުރިން އަނބު ބޭނުންވާ ވަރާއި ގާތަކަށް އަނބު ބޭނުމެއް ވެސް ނުވެއެވެ. އަދި ފްލައިޓްތައް މިހާރު މާގިނައިން ނުބާއްވާތީ، އަނބު އެކްސްޕޯޓް ކުރަން ވެސް ދަތިތައް އެބަހުއްޓެވެ.

"އަހަރެންގެ އަތުން އެތައް ހާސް ކިލޯއެއްގެ އަނބު ހަލާކު ވެއްޖެ. އަވައްޓެރިންނާއި، އަވަށު މީހުންނަށް ޞަދަގާތް ކޮށްގެން ވެސް ދޮންވެފައި ހުރި އަނބުތައް ހުސް ކުރެވޭނެ ގޮތެއް ނުވި." އިދުރީސް ނަމަކަށް ކިޔާ ދަނޑުވެރިޔަކު ބުންޏެވެ.

ޕާކިސްތާންގެ ގައުމީ އެއާލައިނުން މިހާރު ވަނީ ދަނޑުވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓް ކުރާއިރު ނަގާ ކާގޯ ޗާޖް ކުޑަކޮށްފައެވެ. ނަމަވެސް އެކަމުގެ ސަބަބުން ދަނޑުވެރިންނަށް މާބޮޑު ފައިދާއެއް ނުލިބެއެވެ.

ޕާކިސްތާނަކީ މިހާރު އެންމެ ހަލުވިކޮށް ކޮވިޑް-19 ފެތުރެމުން އަންނަ އެއް ގައުމެވެ. ނަމަވެސް ފުރަބަންދުގައި ތިބުމުން ލިބޭ ގެއްލުން މާބޮޑު ކަމަށް ބުނެ ޕާކިސްތާން ސަރުކާރުން ވަނީ ފުރަބަންދަށް ލުއިތައް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު