ޕާކިސްތާނުގެ ހާރިޖީ ވަޒީރު، ޝާހް މަހްމޫދް ޤުރައިޝީ ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ކޮވިޑަށް ފައްސިވެފައިވާކަން ޤުރައިޝީ ހާމަކުރައްވާފައި ވަނީ އިއްޔެ އަމިއްލަފުޅަށް ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ޤުރައިޝީ ވިދާޅުވީ، ކޮވިޑް-19 ޖެހިފައިވާކަން އެނގުމާއި އެކު މިހާރު އަމިއްލަފުޅަށް އެކަހެރިވެވަޑައިގެން ހުންނެވި ކަމަށެވެ. މި ބައްޔަށް ފައްސިވެފައި ވަނީ، ހުން އައިސްގެން ބަލި ހުރިތޯ ބެލުމަށް ހެދި ޓެސްޓަކުން ކަމަށް ޤުރައިޝީ ވިދާޅުވިއެވެ.

ޤުރައިޝީ ވިދާޅުވީ، އޭނާ ކޮވިޑް-19 އަށް ފައްސިވިނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުންވެސް ހެޔޮދުޢާ ކޮށްދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. ޓްވީޓުގައި އިތުރަށް ޤުރައިޝީ ވިދާޅުވެފައި ވަނީ ކޮވިޑަށް ފައްސިވެފައި ވީނަމަވެސް ގޭގައި ހުންނަވައިގެން މަޤާމުގެ ޒިންމާ އަދާކުރައްވާނެ ކަމަށެވެ.

ޤުރައިޝީއަކީ ޕާކިސްތާނުން ކޮވިޑަށް ފައްސިވި އެޤައުމުގެ އެންމެ އިސް އެއް ބޭފުޅާއެކެވެ. އޭނާ އަކީ ޕާކިސްތާނުގެ ވެރިކަންކުރާ ޕާޓީގެ ނައިބު ރައީސްވެސް މެއެވެ. އެހެންކަމުން ބޮޑުވަޒީރު އިމްރާން ޚާނަށްފަހު އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ސަރުކާރުގައި ހުންނަވަނީ ވެސް ޤުރައިޝީއެވެ.

ޤުރައިޝީގެ އިތުރުން ވެސް ޕާކިސްތާނުގެ ބައެއް ސިޔާސީ އިސް ބޭފުޅުން މީގެ ކުރިން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެތެރޭގައި އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވެސް ހިމެނެއެވެ.

ޕާކިސްތާނަކީ މިވަގުތު ދުނިޔެއިން ކޮވިޑްގެ ނުރައްކާ އެންމެ ބޮޑުވަމުން އަންނަ އެއް ޤައުމެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 221,896 މީހަކު ފައްސިވެ، އޭގެތެރެއިން 4,551 މީހަކު މަރުވެފައި ވެއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު