އެމެރިކާގެ އިރުދެކުނުން ކެރީބިއަންގައި އޮންނަ ޖަޒީރާ ރަށެއް ކަމަށްވާ ޕުއެޓެރީކޯ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

އެރަށަށް މި ބިންހެލުން އައިސްފައި ވަނީ މީގެ އިރުކޮޅެއް ކުރީންނެވެ.

ބިންހެލުންތައް މޮނިޓާކުރާ އިދާރާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާ ގޮތުން ޕުއެޓެރީކޯއަށް މި ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 5.5 ގެ ބާރުމިނުގައެވެ. އެ އިދާރާއިން ބުނެފައިވަނީ މި ބިންހެލުން އައީ ބިމުގެ 30 ކިލޯމީޓަރު އަޑިން ކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން، ބިންހެލުން އައި ސަރަޙައްދަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމެއް ނޫސްތަކުން އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ. އަދި މިހާތަނަށް މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރުވެސް ނެރެފައެއް ނުވެއެވެ.

މިރޭ މި ބިންހެލުން އައުމުގެ ކުރީންވެސް އިއްޔެއިން ފެށިގެން ޕުއެޓެރީކޯއަށް ބާރުގަދަ ލޮޅުންތައް އަންނަމުން ދެއެވެ. އެގޮތުން އިއްޔެ ހެނދުނު އެ ޤައުމަށް ރެކްޓްރ މިންގަނޑުން 4.9 ގެ ބާރުމިނުގައި އައި ބިންހެލުމެއްގައި ބައެއް ތަންތަނަށް ގެއްލުންވެ، ގެއެއް ވެއްޓިފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.

މިރޭގެ ބިންހެލުމަށް ފަހު މިހާތަނަށް އެޤައުމަށް ރެކްޓަރ މިންގަނޑުން 4.3 އާއި 4.4 އާއި ދެމެދުގެ ތިން ލޮޅުމެއް އައިސްފައި ވެއެވެ.

ޕުއެޓެރީކޯގެ އިދާރާތަކުން ނޫސްތަކުގައި ބުނެފައިވާގޮތުން އިއްޔެއިން ފެށިގެން އަންނަމުންދާ ލޮޅުންތަކަކީ، މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު، ރެކްޓަރ މިންގަނޑުން 6.4 ގެ ބާރުމިނުގައި އެރަށަށް އައި ބިންހެލުމާއި ގުޅިގެން އަންނަމުންދާ ލޮޅުންތަކެއް ކަމަށެވެ.

ޖެނުއަރީ މަހު ޕުއެޓެރީކޯއަށް އައި ބާރުގަދަ ބިންހެލުމުގައި އެރަށަށް އެތައް މިލިއަން ޑޮލަރުގެ ގެއްލުން ލިބި، އެކަކު މަރުވެފައި ވެއެވެ.

3.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕުއެޓެރީކޯ އަކީ އެމެރިކާގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮންނަ ޖަޒީރާ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު