އެޓްލާންޓިކް ކަނޑުގައި އޮންނަ ޖަޒީރާ ރަށެއް ކަމަށްވާ ބާމިއުޑާ އިން ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާދެމުން ދިޔަ އެންމެން ރަނގަޅުވެއްޖެ އެވެ.

އެޤައުމުން ފަރުވާދިން އެންމެން ރަނގަޅުވެފައި މިވަނީ އެންމެ ފަހުން ފަރުވާދެމުން ދިޔަ ދެ މީހުން މިއަދު ބަލިން ރަނގަޅުވުމާއި ގުޅިގެންނެވެ. އެހެންކަމުން މިހާރު ބާމިއުޑާގައި މި ބައްޔަށް ފަރުވާކުރާ މީހެއް މިހާރު ނެތެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބާމިއުޑާއިން މިހާތަނަށް ކޮވިޑަށް ފައްސިވެފައި ވަނީ ޖުމްލަ 146 މީހެކެވެ. އޭގެތެރެއިން މަރުވީ 9 މީހެއް ކަމަށް އިދާރާތަކުން ބުނެއެވެ.

އެޤައުމުން ފަރުވާދިން 137 މީހުން ބަލިން މުޅިން ރަނގަޅުވެފައި ވާއިރު، ސީރިއަސް ހާލުގައި ފަރުވާދީފައި ވަނީ އެންމެ މީހަކަށެވެ.

އެންމެ ފަހުން ބާމިއުޑާއިން ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެނިފައި ވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު އެޤައުމުން އިތުރު ދެމީހަކަށް ބަލި ޖެހުނެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އެންމެ ބޮޑުވީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު ބާމިއުޑާގައި ވެސް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅައި ފުރަބަންދުކޮށްފައި ވެއެވެ. ނަމަވެސް ބަލީގެ ނުރައްކާ ކުޑަވެފައި ވުމާއެކުއެ އަންނަ ހަފްތާ ތެރޭގައި ޤައުމު އަލުން ހުޅުވާލައި އާ އާންމު ހާލަތަކަށް ދިއުމަށް ވަނީ ނިންމާފައެވެ.

62000 މީހުންގެ އާބާދީއެއް އޮންނަ ބާމިއުޑާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހުއެވެ. ބާމިއުޑާ ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން މި ބަލި ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު