ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އިންޑިއާއިން އިތުރު 479 މީހަކު މަރުވެއްޖެ އެވެ.

އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 ޖެހިގެން އިތުރު ގިނަ ބަޔަކު މަރުވުމާއި ގުޅިގެން، އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 20,653 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 23,135 މީހަކަށް އަލަށް ބަލި ޖެހިފައި ވެއެވެ. މިއާއެކު އެޤައުމުން ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 743,481 ގައެވެ.

އިންޑިއާއިން ކޮވިޑް-19 ޖެހިގެން ގިނަ ބަޔަކު މަރުވެފައިވާއިރު، އެޤައުމަކީ ބަލީގެ ނުރައްކާ އެންމެ ބޮޑު އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް ވެއެވެ. އެގޮތުން މިހާރު އިންޑިއާގައި ކޮވިޑަށް ފަރުވާދޭ 265,783 މީހުންގެ ތެރެއިން 8,944 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ.

ގިނަ އަދަދެއްގެ ބަޔަކަށް އިންޑިއާގައި ސީރިއަސް ހާލުގައި ފަރުވާދެމުންދާއިރު، ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުގެ ބިރު އެބައޮތެވެ. އިންޑިއާ އަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެ، 8 ވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ޤައުމެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ އަންނަ ނޮވެމްބަރު މަހު ކަމަށް ވަނީ ލަފާ ކުރެވިފައެވެ. އިންޑިއާއަކީ މިވަގުތު ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނު ޤައުމުވެސް މެއެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުވެވޭ ވަރަށް ފެތުރެނީ މިދިޔަ މޭއި މަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު