ކޮވިޑް-19 އަށް ވުރެ ނުރައްކާތެރި ވެދާނެ ބައްޔެއް ކަޒަކިސްތާންގައި ފެތުރި ގިނަ ބަޔަކު މަރުވެއްޖެއެވެ.

ކަޒަކިސްތާންގައި ހުންނަ ޗައިނާގެ އެމްބަސީން ނެރުނު ބަޔާނަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ކަޒަކިސްތާންގައި ފެތުރެމުން ދަނީ ގޮތް ނޭނގޭ ނިއުމޯނިއާ އެކެވެ. މިބަލި ޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ ނިސްބަތް ހުރީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުންނަށް ވުރެ މަތީގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކަޒަކިސްތާންގެ ނޫސްތަކާއި ހަވާލާދީ ޗައިނާ އެމްބަސީގެ ވެބްސައިޓްގައި އާއްމު ކޮށްފައިވާ ބަޔާނެއްގައި ބުނީ ބަލި ފެތުރެމުން ދަނީ އައިރާއޫ ޕްރޮވިންސާއި އަކްތޫބް ޕްރޮވިންސާ ސްކައިމެންޓް ސިޠީގައި ކަމަށެވެ. މިބަލި ޖޫން މަހުގެ މެދުތެރެއިން ފެށިގެން ފެތުރެމުން އަންނަ ކަމަށް ވެސް ޗައިނާ އެމްބަސީގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކާއި މާގާތް ގުޅުމެއް ނޯންނަ ކަޒަކިސްތާންގައި ގައުމުން ބޭރު މީހުންގެ ތެރެއިން އެންމެ ގިނައީ ޗައިނާ މީހުންނެވެ. ޗައިނާ އެމްބަސީން ނެރުނު ބަޔާނަކީ ކަޒަކިސްތާންގައި ދިރިއުޅޭ ޗައިނާ މީހުން ކަޒަކިސްތާންގައި ފެތުރެމުންދާ ބައްޔާއި މެދު ސަމާލުވުމަށް ގޮވާލައި ނެރުނު ބަޔާނެކެވެ.

ކަޒަކިސްތާންގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ގޮތް ނޭނގޭ ނިއުމޯނިއާ ޖޫން މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 05 ވަނަ ދުވަހާއި ދެމެދު ވެސް 32000 މީހަކަށް ޖެހިފައި ވެއެވެ. އޭގެ ތެރެއިން 451 މީހަކު ވަނީ މަރުވެފައެވެ.

"އަލަށް ފެނިގެން އުޅޭ ބަލި ޖެހިގެން މަރުވާ މީހުންގެ ނިސްބަތް ހުރީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ނިސްބަތައް ވުރެ މަތީގައި ކަމަށް ލަފާ ކުރެވެއެވެ. ކަޒަކިސްތާންގެ ހެލްތު ޑީޕާޓްމަންޓުން ގެންދަނީ މިއީ ކޮން ވައިރަސް އަކުން ޖެހޭ ބައްޔެއްތޯ ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދި މިހާތަނަށް މިއީ ކޮން ވައިރަސް އަކުން ޖެހޭ ބައްޔެއްކަން ދެނެގަނެވިފައެއް ނުވެއެވެ." ޗައިނާ އެމްބަސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކަޒަކިސްތާންގެ ނޫހެއްގައި ބުނެފައިވާ ގޮތުގައި މިބަލި ޖެހިގެން ކަޒަކިސްތާނުން ދުވާލަކު 300 ވަރަކަށް މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހެއެވެ.

ކަޒަކިސްތާނާއި އަވައްޓެރި ރަޝިއާގެ ނޫސް އެޖެންސީއެއް ކަމަށްވާ "އާރްޓީ" ގައި ވެސް ބުނެފައި ވަނީ ކަޒަކިސްތާނުން ފެނިގެން އުޅޭ ނިއުމޯނިއާ ޖެހިފައިވާ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރިއިރު ކޮވިޑް-19 އަށް ފައްސިވެފައި ނުވާކަމަށެވެ.

ކަޒަކިސްތާންގައި ފެތުރެމުންދާ ގޮތް ނޭނގޭ ބައްޔާއި ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޫސަ

    ޔާﷲ މިނުރައްކާތެރެި ވަބާއިން އެންމެހާ އިންސާނުން ސަލާމަތް ކުރައްވައި ފާންދޭވެ.
    އާމީން

    28