މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ދުނިޔޭގެ އެކި ގައުމުތަކުން ފެނިފައިވާ ނުރައްކާތެރި ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިނެއް މިއަހަރު ލިބުމަކީ ނާދިރު ކަމެއް ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް އެގައުމުގެ ސަރުކާރު އިސް އޮފިޝަލަކު ސާފު ކޮށްދެއްވައިފިއެވެ.

މިކަން ހާމަކޮށްދެއްވާފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ ސައިންސް އެންޑް ޓެކްނޮލޮޖީ، އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ކޮމިޓީއިން ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމަކީ ކޮވިޑް-19 ގެ ސަބަބުން މާޗް މަހުގެ ތެރޭގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ފަހު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިންގެ މަރުހަލާ އޮތް ހިސާބެއް ބެލުމުގެ ގޮތުންނެވެ.

މި ބައްދަލުވުމުގައި ގިނަ ބަޔަކު ވަނީ ދުނިޔޭއިން ފެނިފައިވާ ނުރައްކާތެރި އެކި ބަލިތަކަށް ވެކްސިން އުފައްދަމުން އަންނަ އިންޑިއާއިން ކޮވިޑް-19 އަށްވެސް ވެކްސިނެއް އުފައްދަމުން އަންނަކަން ފާހަގަ ކޮށްފައެވެ. އިންޑިއާއަކީ ދުނިޔޭގައި ފެނިފައިވާ ބަލިތަކަށް 60 އިންސައްތަ ވެކްސިން އުފައްދާފައިވާ ގައުމެކެވެ.

ކޮވިޑް-19 އަށް ވެކްސިން ތައްޔާރުކޮށް، ބާޒާރަށް ނެރުމުގެ ކުރިން މިހާރު އަންނަނީ އިންސާނުންގެ ޓެސްޓްތައް ހަދަމުންނެވެ. އެހެން ކަމުން މިއަހަރު ސީދާ ވެކްސިން ބާޒާރަށް ނުނެރެވޭނެ ކަމަށާއި އެންމެ އަވަސް ވެގެންވެސް ނެރެވޭނީ އަންނަ އަހަރު ފެށިގެން ކަމަށް ގިނަ ބަޔަކު ވަނީ މި ބައްދަލުވުމުގައި ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު