ކޮވިޑް-19 އާއި ގުޅިގެން މާސްކު އަޅަން ދެކޮޅު ހެދުމަށްފަހު ޓްރަމްޕް ފުރަތަމަ ފަހަރަށް އާންމު ތަނެއްގައި މާސްކު އަޅައިފިއެވެ.

މީގެ ކުރިން އެތައް ފަހަރެއްގެމަތީން ސިއްޙީ ތަޖުރިބާކާރުންގެ އިރުޝާދުތަކަށް ފުރަގަސްދީ މޫނު ނިވާކުރަން ދެކޮޅު ހެދުމަށްފަހު ޓްރަމްޕަ ފުރަތަމަ ފަހަރަށް މާސްކު އަޅާފައި ވަނީ ވޮޝިންޓަނުގައި ހުންނަ އަސްކަރީ ހޮސްޕިޓަލަކަށް ކުރި ޒިޔާރަތެއްގައެވެ.

މިކަމާއި ގުޅިގެން ކުރިމަތިވި ސުވާލުތަކަށް ޖަވާބުދެމުން ޓްރަމްޕް ބުނެފައިވަނީ، އެއް އިރެއްގައިވެސް މާސްކު އެޅުމާއި އޭނާ ދެކޮޅު ނޫން ކަމަށެވެ. އޭނާ ހުންނަނީ މާސްކު އަޅަން އެންމެ އެކަށީގެންވާ ވަގުތެއްގައި މާސްކު އެޅުމަށް ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

ޓްރަމްޕް މިގޮތަށް ބުނެފައި ވާއިރު، މީގެ ކުރިން ވައިޓް ހައުސްގެ ބައެއް މުވައްޒަފުން ކޮވިޑް-19 އަށް ފައްސިވުމުން ވެސް ޓްރަމްޕް މާސްކު އަޅާފައި ނުވާތީ ގިނަ ބަޔަކު އޭނާއަށް ފާޑުކިޔާފައި ވެއެވެ. އެފަރާތްތަކުން ބުނެފައިވަނީ، އޭނާ އެ އެންގުންތަކަށް ތަބާނުވަނީ ސިއްޙީ ތަޖުރިބާކާރުންގެ ބަސް އަހަން ލަދުގަންނާތީ ކަމަށެވެ.

ކޮވިޑް-19 ގެ ނުރައްކަލާއެކު ޓްރަމްޕް ފުރަތަމަ ފަހަރަށް މާސްކު އަޅައިގެން އާންމު ތަނަކަށް ގޮސްފައި މިވަނީ، އެމެރިކާގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެ ރެކޯޑް އަދަދަކަށް މީހުން ފައްސިވެފައި ވަނިކޮށެވެ. މިގޮތުން މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް އެޤައުމުން 66000 އަށްވުރެ ގިނަ މީހުން މުޅި އަލަށް ކޮވިޑަށް ފައްސިވެފައި ވެއެވެ.

ހިފެހެއްޓުމެއް ނެތި އެމެރިކާގައި ކޮވިޑް-19 ފެތުރެމުން އަންނައިރު، މިހާތަނަށް އެޤައުމުން 3.3 މިލިއަން މީހަކަށް ބަލި ޖެހި، މި ބަލީގައި 137000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ޓްރަމްޕް ބުނާގޮތުން އެމެރިކާގައި ކޮވިޑްގެ ވޭދަނަތައް ގިނައީ އެޤައުމުން އެހެން ޤައުމުތަކަށްވުރެ ގިނައިން ޓެސްޓު ކުރުން ކުރިޔަށް ގެންދާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޞިރާޠު

    މުޅި ދުނިޔެއަށް މަޝްހޫރު ޕްރޮފެސަރއެއްކަމުގައިވާ ޕްރޮފެސަރ ޢުޤައިލްގެ އަތުކުރީ ގަޑިއާއި އަވިއައިނު ޢުޤައިލްގެ ކައިރީ ބުނެފައިވަނީ މި ވަބާއަކީ 100 ދުވަހުގެ ވަބާއެއްކަމަށެވެ. 100 ދުވަސް ވުމުން ވަބާ ފިލާނޭކަމަށެވެ. މިކަން އެބޭފުޅާ އިޢުލާންވެސް ކުރިއެވެ. މިހާރު މި ފެންނަނީ އެތަކެތި ޢުޤައިލަށް ދޮގު ހަދައިފިކަމެވެ.

    3
    1