ސެޓްލައިޓްތައް ވައްޓާލެވޭނެ ފަދަ ހަތިޔާރެއް ރަޝިއާ އިން ޓެސްޓް ކޮށްފިކަމަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ބުނެފިއެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުގެ އޮފިޝަލުން މީޑިއާތަކަމަށް މައުލޫމާތު ދެމުން ބުނީ ސެޓްލައިޓްތައް ވައްޓާލެވޭނެ މިސައިލެއް ރަޝިއާ އިން ޓެސްޓް ކޮށްފައިވާ ކަމަށާއި މިއީ މުޅި ދުނިޔެއަށް ހުރި ބިރެއް ކަމަށެވެ.

ނަމަވެސް ރަޝިއާ އިން އިއްޔެ ބުނީ ޖުލައި މަހުގެ 15 ދުވަހު ރަޝިއާ އިން ކުރި ޓެސްޓަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހިލާފު ޓެސްޓެއް ނޫންކަމަށެވެ. ރަޝިއާ އިން ޖައްވަށް ފޮނުވާފައި ވަނީ "އިނިސްޕެކްޓާ" ސެޓްލައިޓެއް ކަމަށް ވެސް ރަޝިއާގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނެފައި ވެއެވެ.

ނަމަވެސް އެމެރިކާ އިން ބުނެފައި ވަނީ ރަޝިއާގެ ވާހަކަތައް ގަބޫލު ނުކުރެވޭ ކަމަށާއި ރަޝިއާ އިން ކޮށްފައިވާ ޓެސްޓްގެ އިތުރު ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.

ސެޓްލައިޓްތައް ވައްޓާލެވޭނެ ފަދަ މިސައިލެއް ނުއުފެއްދުމަށް ދުނިޔޭގެ ގައުމުތަކުން އުސޫލެއްގެ ދަށުން އެއްބަސްވެފައި ވެއެވެ.

ރަޝިއާ އިން ސެޓްލައިޓްތައް ވައްޓާލެވޭނެ ފަދަ މިސައިލެއް އުފައްދައި އެމިސައިލް ޓެސްޓް ކުރިކަމަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ތުހުމަތު ކުރާއިރު ޖައްވުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ މަޝްވަރާތަކެއް ރަޝިއާ އާއި އިނގިރޭސިވިލާތާއި އެމެރިކާ އިން މިއަންނަ ހަފްތާގައި ބާއްވަން ވަނީ ތާވަލް ކޮށްފައެވެ. މިމަޝްވަރާތައް އޮންނާނީ ވިއެނާގައެވެ. މިއީ 2013 ވަނަ އަހަރުގެ ފަހުން މިފަދަ މަޝްވަރާތަކެއް ބާއްވާ ފުރަތަމަ ފަހަރެވެ.

އެމެރިކާ އިން މީގެ ކުރިން ވެސް ތުހުމަތު ކޮށްފައިވާ ގޮތުގައި ރަޝިއާ އިން ގެންދަނީ ޖައްވުގައި ބޭނުން ކުރާ ހަތިޔާރު އުފައްދާ ޖައްވުގެ ކޮންޓްރޯލް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެމެރިކާ އިން ވެސް ދާދިފަހުން ވަނީ ސްޕޭސް ފޯސްގެ ނަމުގައި އެމެރިކާގެ އަސްކަރިއްޔާ އަށް އިތުރު ފައުޖެއް އިތުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވެރިން

    އެމެރިކާ ނޫން އެހެންބަޔަކު ކަ މެއްކޮށްފިއްޔާ ބައިނަލް އަގުއާމީ މުއާހަދާ ކިޔާފަ ބިރުދައްކާނެ، އެމެރިކާ ވަރިހަމަ ކޮއްމެކަމެއް ކޮއްމެ ގޮތަކަށް ކުރިޔަސް މއާހަދާޔަކަށް ބަލާކަށް ނުޖެހޭ

    34
    • ހަގީގަތް

      އިޒްރޭލުވެސް.

      15
  2. ވާނެ

    ތި އެމަރިކާގެ ނާސާގެ ހުރިހާ ސެޓަލައިޓުތައް ގޮއްވާލާ...ވައްޓާލާ...ބޯގަޅިން ގަބޫލުކުރާނީ އެމަރިކާ
    އަށް ރަޝިއާ ބަލިކުރެވިދާނެހެން..