ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް 150 އަށް ވުރެ ގިނަ ކުންފުނިން ހުއްޓުމެއް ނެތި ކުރަމުން ދާއިރު ވެކްސިންގެ އިތުރުން އިތުރު ފަރުވާތައް ވެސް ކޮވިޑް-19 އަށް ބޭނުން ކުރެވިދާނެތޯ ބަލަން ސައިންސްވެރިން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް ފަރުވާތައް ބޭނުން ކުރެވިދާނެ ކަމުގެ އުއްމީދު ވެސް މިހާރު ވަނީ އާވެފައެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުނު ނަމަވެސް ވެކްސިން އުފެއްދޭއިރު ބަލި ޖެހިފައި ތިބި މީހުންނަށް ވެކްސިންގެ ސަބަބުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. އެހެންކަމުން އެއީވެސް ވެކްސިންގެ އިތުރުން އިތުރު ފަރުވާއެއް މިބައްޔަށް ބޭނުންވާ ސަބަބެކެވެ.

އެމެރިކާގެ ބިލިއަނަރު ބިލް ގޭޓްސް އިއްޔެ "ބިޒްނަސް އިންސައިޑާ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިން ނޫން ފަރުވާތަކެއް ވަރަށް އަވަހަށް ބޭނުން ކުރަން ފެށިދާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ. ބިލް ގޭޓްސް އަކީ ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމަށް އެތައް ކުންފުނިތަކަކަށް އެހީތެރިވަމުން އަންނަ ބޭފުޅެކެވެ.

މިހާރު ލިބިފައިވާ މައުލޫމާތައް ބަލާއިރު ކޮވިޑް-19 ވެކްސިންގެ ކުރިން ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ދެބޭހެއް އެބައޮތެވެ. އެއީ ރެމްޑެސިވިއާ ނަމަކަށް ކިޔާ ބޭހަކާއި ޑެޒަމެތަސޯން ނަމަކަށް ކިޔާ ބޭހެކެވެ. ރެމްޑެސިވިއާ ބޭނުން ކުރުމުން ކޮވިޑް-19 އިން އަވަހަށް ރަނގަޅުވާކަން މިހާރު ވެސް ވަނީ ސާބިތުވެފައެވެ. ނަމަވެސް ފުޅާދާއިރާއެއްގައި ބޭސް ބޭނުން ކުރުމަށް، ބޭސް ބޭނުން ކުރަން ޖެހޭނެ ގޮތާއި ބެހޭ އިތުރު ދިރާސާތައް ދަނީ ކުރަމުންނެވެ. ޑެޒަމެތަސޯން ބޭނުން ކުރުމުން ކޮވިޑް-19 ޖެހިގެން ގުނަވަންތައް ފެއިލް ވުމުގެ މައްސަލައަށް ހައްލު ލިބިގެންދާ ކަމުގެ އުއްމީދު ވަނީ ވަރަށް ބޮޑަށް އާވެފައެވެ.

ދެން ކޮވިޑް-19 އަށް ފަރުވާއެއް ގޮތުގައި ބޭނުން ކުރެވިދާނެ މޮލޮކްލޯނަލް އެންޓިބޮޑީސް އެވެ. މިފަރުވާ މިހާރު ވެސް ދަނީ ބައެއް މީހުންނަށް ދެމުންނެވެ. އެންޓިބޮޑީސް ބޭނުން ކޮށްގެން ފަރުވާ ދިނުމުގައި ވެސް ދަނީ ކުރިއެރުންތައް ލިބެމުންނެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދި، ގިނަ ގައުމުތަކަށް ވެކްސިން ބޭނުން ކުރެވޭވަރު ވާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ. އެހެންކަމުން ވެކްސިނަށް އިންތިޒާރު ކުރުމަށްވުރެ ރަނގަޅީ އަދިވެސް އިތުރު ފަރުވާއެއް ލިބޭތޯ މަސައްކަތް ކުރުން ކަމަށް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު