ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިންޑިއާއިން އިތުރު ބައިލައްކައަށްވުރެ ގިނަ މީހުން ފައްސިވެ، މި ބަލީގައި އިތުރު 852 މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން އިއްޔެ އެކަނިވެސް އިތުރު 54,865 މީހަކަށް ބަލި ޖެހިފައި ވެއެވެ. މިއާއެކު އެޤައުމުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,751,919 އަށް އަރާފައެވެ.

އިންޑިއާއިން އިއްޔެ އިތުރު 852 މީހަކު ކޮވިޑް-19 ޖެހިގެން މަރުވި ކަމަށް ރެކޯޑް ކުރެވިފައިވާއިރު މިއީ އެޤައުމުން އެއް ދުވަހެއްގައި ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ. މިއާއެކު އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14,058 އަށް އަރާފައެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާއަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނައިރު، އެޤައުމުން ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. އިންޑިއާ އަކީ މިހާރު ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހި، މި ބަލީގައި ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ ހަފްތާއެއްހައި ދުވަސް ތެރޭގައި ވެސް ކޮވިޑް-19 އަށް އިތުރު 366,789 މީހަކު ފައްސިވެފައި ވެއެވެ. އަދި ފާއިތުވެދިޔަ ހަފްތާގައި އެޤައުމުން މަރުވި މީހުންގެ އަދަދު 5,307 އަށް އަރައެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 1,146,879 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. މީގެ ތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭގައި ރަނގަޅުވި ކަމަށް ރެކޯޑްކުރެވުނު 51,232 މީހަކުވެސް ހިމެނެއެވެ. އެހެންކަމުން އެޤައުމުގައި މިހާރު ފަރުވާދެމުން ދަނީ 567,637 މީހަކަށެވެ. މީގެ ތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް އެވެ.

އިންޑިއާއަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން އެޤައުމުން ކޮވިޑް-19 ގެ ބަލީގައި މަރުވާ މީހުންގެ އަދަދު ކުރިޔަށް އޮތްތަނުގައި ވެސް އިތުރުވެގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ އަންނަ ނޮވެމްބަރު މަހު ކަމަށް ވަނީ ލަފާ ކުރެވިފައެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުވެވޭ ވަރަށް ފެތުރެނީ މިދިޔަ މޭއި މަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ބުއްޅަބޭ ގެ ބަހުރުވަޔަކީ އިންޑިއާ އިން ގިނަކޭދްތައް ފެންނަންޏާ މިގައުމުންވެސް ކޭސް ތައް ގިނަވާންޖެހޭނޭ. ނޫނީ ވާނީ ލަދުވެތިކަމަކަާް! މީހުން ވެސް މަރުވާން ޖެހޭނެ ކަމާށް މި ލާދީނީ ރީނދޫ ގަނޑު ދެކޭނެ!!