ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ އީސްޓް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފައްސިވި އަންހެނަކު ވިހައިފިއެވެ.

އޭނާ ވިއްސާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ޑޮކްޓަރުން މިހާރު ވަނީ އެ އަންހެން މީހާ ވިހެއި ދަރިފުޅު ކޮވިޑް-19 އަށް ފައްސިވިތޯ ބެލުމަށް ޕީސީއާރު ޓެސްޓެއް ހަދައިފައެވެ. އެ ޓެސްޓުގެ ނަތީޖާ ލިބުމުން މަންމަގެ އިންފެކްޝަންގެ އަސަރު ދަރިފުޅަށް ކޮށްފައިވޭތޯ ނުވަތަ ނޫންތޯ ޔަގީން ކުރެވޭނެއެވެ.

އެ އަންހެން މީހާ އަކީ ކަންޑަކަޑޫ ކަރަންޓީން ސެންޓަރުގައި އޮބްޒަވޭޝަަން އަށް ބާއްވާފައި އޮތް އަންހެނެކެވެ.

އެމީހާ އަށް ކޮވިޑް-19 ޖެހުނުކަން އެނގުނީ ދުބާއީ އަށް އޭނާ ކުރި ދަތުރަކަށް ފަހު ޖުލައި މަހުގެ 10 ވަނަ ދުވަހު އަނބުރާ ގައުމަށް ގޮސް ކަރަންޓީނު ކުރުމަށް ފަހު ޖުލައި 21 ވަނަ ދުވަހު ހެދި ޕީސީއާރު ޓެސްޓުގެ ނަތީޖާ ލިބުމުންނެވެ.

ޑޮކްޓަރުން ވަނީ މާބަނޑު އަންހެން މީހާ އާއި އޭނާ ވިހެއި ދަރިފުޅުގެ ހާލު ވެސް އަދި ރަނގަޅު ކަމަށާޢި ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ފާހަގަކޮށްފައެވެ.

ދުނިޔޭގައި އަލަށް ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، އަލަށް އުފަންވާ ކުދިންނަށް ބަލި ޖެހިފައި ވަނީ މަދު ފަހަރެއްގައެވެ.

މައިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅަށް ކޮވިޑް-19 ގެ އަސަރު ކޮށްފާނެތޯ ބެލުމަށް މިހާތަނަށް ކުރިޔަށް ގެންގޮސްފައި ވަނީ މަދު ދިރާސާތަކެކެވެ. މި ދިރާސާތަކުން ވެސް މިކަމާއި ގުޅޭ މާބޮޑު ހޯދުންތަކެއް ހޯދިފައި ނުވާއިރު، ސިއްޙީ ތަޖުރިބާކާރުން ދަނީ މިކަން ކަށަވަރު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު