ހަލުވިކަމާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރި ވޭތުވެދިޔަ ތިން ދުވަސް ތެރޭގައި އެއް މިލިއަން މީހުންނަށް އަލަށް ބަލި ޖެހިއްޖެއެވެ. މިއާ އެކު، ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 18 މިލިއަނަށް ވުރެ މައްޗަށް އަރައިފައެވެ.

މުޅި ދުނިޔޭގައި މިހާތަނަށް ކޮވިޑް-19 ޖެހިގެން 689,070 މީހުން ވަނީ މަރުވެފައެވެ. އަދި ބަލި ޖެހުނު 11.3 މީހުން ރަނގަޅުވިއެވެ. މިއާ އެކު، ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ ހަ މިލިއަނަށް ވުރެ މައްޗަށް އަރައިފައެވެ.

އޭގެތެރެއިން 65،000 އަށް ވުރެ ގިނަ މީހުންގެ ހާލު ސީރިއަސްއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މި ބަލި ޖެހުނު މީހުންގެ އަދަދު 16 މިލިއަނުން 17 މިލިއަނަށް އަރާފައި ވަނީ ހަތަރު ވަރަކަށް ދުވަސްތެރޭގައެވެ. އެހެންވެ، މި ހިސާބުތަކަށް ބަލާ އިރު، ދުނިޔޭގެ އެކިކަންކޮޅުތަކުގައި މި ބަލި ފެތުރުން ކޮންޓްރޯލްވެފައި އޮތް ކަމަކަށް ނުދައްކައެވެ.

ދުނިޔެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން އަންނައިރު، ބައެއް ގައުމުތަކުގައި ދީފައި ހުރި ލުއިތައް ވަނީ ހަރުކަށިކޮށްފައެވެ. އަދި މީގެކުރިން ކޮވިޑް-19 އެއްވެސް ގޮތަކަށް ފެތުރިފައި ނުވާ ގައުމުތަކުގައި ވަނީ ކޮވިޑް-19 ފެތުރެން ފަށައިފައެވެ.

މިދިޔަ މޭއި މަހުގެ މެދެއްހާ ހިސާބުގައި، ދުނިޔެއިން ކޮވިޑް-19 ޖެހޭ މީހުންނާއި މި ބަލީގައި މަރުވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށްވެގެން ދިޔަނަމަވެސް، އަނެއްކާވެސް ބަލީގެ ނުރައްކާ ދުނިޔެއަށް ވަނީ ބޮޑުވާން ފަށާފައެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ކުރިޔަށްވުރެ ބޮޑަށް އިތުރުވެފައި މިވަނީ، މި ބަލިމަޑުކަމާއި ގުޅިގެން ގިނަ ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ، އާ އާންމު ހާލަތެއްގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި، މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެ މަރުވި އެމެރިކާ އާއި ބްރެޒިލްގެ އިތުރުން އަވައްޓެރި އިންޑިއާ ހިމެނެއެވެ.

އެމެރިކާ އިން މިހާތަނަށް 4.7 މިލިއަން މީހުންނަށް ބަލި ޖެހި 150،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބްރެޒިލްގައި 2.7 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި 93،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިންޑިއާގައި 1.7 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި 37،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު