ކޮވިޑް-19 ޖެހިގެން އިންޑިއާ އިން މިއަދު އިތުރު 1013 މީހަކު މަރުވެއްޖެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދަކީ ޖުލައި މަހުގެ 22 ވަނަ ދުވަހަށް ފަހު އިންޑިއާ އިން އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ދުވަހެވެ.

މިއަދު އިންޑިއާ އިން އިތުރު 62117 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިއަދު ވަނީ 2.2 މިލިއަނަށް އަރާފައެވެ.

އިންޑިއާގެ މަހާރާޝްތުރަ އާއި އަންދްރަ ޕްރަދޭޝް އިން މިއަދު ވެސް ވަނީ ދިހަހާހަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައެވެ.

ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހި، މި ބަލީގައި ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި މިހާރު އޮތީ އިނޑިއާ އެވެ. އަދި އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިގެން ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމަކީވެސް އިންޑިއާއެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ އަންނަ ނޮވެމްބަރު މަހު ކަމަށް ވަނީ ލަފާ ކުރެވިފައެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުވެވޭ ވަރަށް ފެތުރެނީ މިދިޔަ މޭއި މަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު