އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކޮއްކޮ، ރޮބާޓް ޓްރަމްޕްގެ ހާލު ސީރިއަސް ވުމުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމަށް ވައިޓް ހައުސް އިން ބުނެފިއެވެ.

ވައިޓް ހައުސް އިން ބުނެފައިވަނީ އުމުރުން 72 އަހަރުގެ ރޮބާޓް އަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ ކުއްލި ގޮތަކަށް ހާލު ދެރަވެގެން ކަމަށެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް ވައިޓް ހައުސް އިން ބުނެފައި ވެއެވެ. ނަމަވެސް އޭނާ އަށް ފަރުވާދެމުން ދަނީ ކީއްވެ ކަމެއް ހާމައެއް ނުކުރެއެވެ.

އާއިލާގެ ތެރެއިން ޓްރަމްޕް އާއި ގާތް ގުޅުމެއް އޮންނަ ރޮބާޓް އަކީ ޓްރަމްޕް އާއި އެއްބަނޑު ހަތަރު މީހުންގެ ތެރެއިން އެކެކެވެ. އެ އާއިލާގެ އެންމެ ދޮށީ މެމްބަރު ފްރެޑް ޓްރަމްޕް ވަނީ 1981 ވަނަ އަހަރު މަރުވެފައެވެ. އެހެންކަމުން މިހާރު ޓްރަމްޕް އާއި އެއްބަނޑު ތިބީ ރޮބާޓްގެ އިތުރުން ދެ އަންހެނެކެވެ.

ރޮބާޓް ޓްރަމްޕް އަކީ މީގެ ކުރިން ޓްރަމްޕް އޯގަނައިޒޭޝަންގެ އިސް ވެރިއެކެވެ. ނަމަވެސް ޓްރަމްޕްގެ ކުންފުނީގައި ގިނަ މަސައްކަތްތައް ކޮށްފައިވާ ރޮބާޓް ފަހުން ވަނީ ސިއްހީ ހާލަތާއި ގުޅިގެން މަސައްކަތްތަކުން ދުރުވެފައެވެ.

އޭނާ ވަނީ 2016 ވަނަ އަހަރު ޓްރަމްޕް އަށް އެމެރިކާގެ ރިޔާސީ ގޮނޑި ކާމިޔާބު ކޮށްދިނުމަށް ވެސް ގިނަ މަސައްކަތްތައް ކޮށްފައެވެ. މިގޮތުން އޭނާ ވަނީ ޓްރަމްޕްގެ ގިނަ ކެމްޕޭން ރެލީތަކުގައި ވެސް ބައިވެރިވެފައެވެ. ނަމަވެސް މިއަހަރުގެ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ހަރަކާތްތަކުން އޭނާ ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު