އިންޑިއާގެ އުތުރުގައި އޮންނަ އުއްތަރ ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ، ވަރަނަސީގަިއި ހަދާފައިވާ ދާލަން (ބްރިޖު) އެއްގެ ބައެއް ވެއްޓި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

އިއްޔެ ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާގައި މަރުވި މީހުންގެ ޢަދަދު 18 އަށް އަރާފައިވާއިރު، ގިނަ މީހުން މަރުވެފައިވަނީ، އެ ދާލަން ހަލާކުވެގެން ވެއްޓުނު ބިޔަ ކޮންކްރީޓުގަނޑުތަކުގެ ދަށުވެގެންނެވެ.

މި ހާދިސާގައި ދާލަމުގެ ދަށުވެ ތާށިވި މީހުންގެ ތެރެއިން ފަސް މީހަކަށް އެކި ވަރުގެ އަނިޔާ ލިިބިފައިވާއިރު، އޭގެތެރެއިން ދެ މީހަކަށް ފަރުވާދެމުންދަނީ ސީރިއަސް ޙާލުގައި ކަމަށް އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނެއެވެ.

ދާލަން ވެއްޓުމުގެ މި ނުރައްކާތެރި ހާދިސާގައި، އެ ދާލަމުން ވަކިވެގެން ވެއްޓުނު ބައިގެ ދިގުމިނުގައި 50 ފޫޓު ހުރިއިރު، ފުޅާމިނުގައި ހަ ފޫޓު ހުއްޓެވެ. މި ކޮންކްރީޓް ގަނޑުގެ ދަށުގައި ގިނަ ޢަދަދެއްގެ ސައިކަލާއި ހަތަރު ކާރާއި ބަހެއް ތާށިވިއިރު، މަރުވި މީހުންގެ ތެރެއިން ގިނައީ ވެހިކަލްތަކުގައި ދިޔަ މީހުން ކަމަށް އޮފިޝަލުން ބުނެއެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވަނީ، އިތުރު ބަޔަކުވެސް އެތަނުގެ ދަށުގައި ތާށިވެފައި ވެދާނެ ކަމަށް ބެލެވޭ ކަމަށާއި، އެހެންކަމުން ހާދިސާގައި މަރުވި މީހުންގެ ޢަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.

މި ހިތާމަވެރި ހާދިސާ އާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައިވާއިރު، އެޤައުމުގެ ސަރުކާރުން ވަނީ އެ އާއިލާތަކަށް ބައި މިލިއަން ރުޕީސް ދިނުމަށް ނިންމާފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، ދާލަން ހެދުމުގއި ފަރުވާކުޑަ ކޮށްފައިވުމުން ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، ހާދިސާ ހިނގިތާ މާގިނައިރެއް ނުވަނީސް، މި ދާލަމުގެ މަސައްކަތް ކުރިއަށްގެންދިޔަ އިންޑިއާގެ ސްޓޭޓް ކޮންސްޓްރަކްޝަން އޭޖެންސީގެ ދެ އޮފިޝަލަކު ވަނީ ސަސްޕެންޑުވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮބާ އަކިލޭޝް މިޝްރާގެ ތައްޕާހުން ފަރިއްކުޅުއްވާ، ތުންފުއްސަވާ ނާނާފުޅުފިއްލަވާ ކުދިން ބަރާބަރު 2މަހާ 3 ދުވަސް ކުރިއަށްޖެހިލާ، އެފްރިކާގެ ގައުމެއްގަ ހިނގާދިޔަ ދާލަމެއް ވެއްޓުނު ޙާދިސާޔަށް. ތިޔަބައިމީހުނަށަ އެވީ ޗައިނާގެ ކޮލިޓީ ކަޑަކަމުން ވީކަމަކަށް. އެޙާދިސާ ހިނގީ ހަދާނުވެސް ނިމޭ ތަނެއްގަ. މިއީ އިންޑިއާގެ ސަރުކާރު ކުންފުނީގެ ޙާލަތު. އެތަައްފުރާނައެއްގެއްލިދިޔައީ! ދެންވެސް ކިޔަނީ ޗައިނާ ހެއްޔޭ!