ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު މިލިއަނަކަށް އަރައިފިއެވެ.

ދުނިޔެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު މިލިއަނަކަށް އަރާފައި މިވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި އެއްވެސް ހިފެހެއްޓުމެއްނެތި ޤައުމުތަކުން މަރުވާ މީހުންގެ އަދަދުތައް މަތިވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް ދުނިޔެއިން ފަސް ހާހަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައި ވެއެވެ. މިއާއެކު ދުނިޔެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 1,000,669 ގައެވެ.

ދުނިޔެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިލިއަނަކަށް އަރާފައި ވާއިރު، މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައްސިވީ މީހުންގެ އަދަދު 33,220,419 އަށް އަރައެވެ. އޭގެތެރެއިން މިވަގުތު ފަރުވާދެމުންދާ 7,672,264 މީހުންގެ ތެރެއިން، 65,360 މީހަކަށް ފަރުވާ ދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މި ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވިދާޅުވެފައި ވަނީ، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ކޮވިޑް-19 ގެ ނުރައްކާ ހީނުކުރާ މިންވަރަށް އިތުރުވެގެން ހިނގައިދާނެ ކަމަށެވެ. މިގޮތުން ޔޫރަޕުގެ ޤައުމުތަކަށް މިހާރު މި ބަލީގެ ނުރައްކާ ބޮޑު ދެވަނަ ރާޅެއް އަރަމުންދާއިރު، އެޤައުމުތަކުގެ ހާލަތު ގޯސްވާނެ ކަމަށްވެސް ވަނީ ލަފާކުރެވިފައެވެ.

ޑަބްލިއުއެޗްއޯ އިން ވިދާޅުވީ، ދުނިޔޭގައި ކޮވިޑް-19 ގެ ވެކްސިނެއް ރަސްމީކޮށް ބޭނުންކުރަން ފެށުމާއި ހަމައަށް، މި ބަލީގައި މަރުވާ މީހުންގެ އަދަދު ދެމިލިއަނަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެއީ މިހާރު ބަލި ފެތުރެމުންދާ ހަލުވިމިނާއެކު ނުރައްކާ ކުރިޔަށްވުރެ އިންތިހާއަށް އިތުރުވެފައިވުމުން ކަމަށް އެ ޖަމިއްޔާއިން ވިދާޅުވެއެވެ.

ދުނިޔެއިން ކޮވިޑް-19 ފެނުނުތާ ހަމަސް ތެރޭގައި މަރުވި މީހުންގެ އަދަދު ބައި މިލިއަނަށް އެރިއެވެ. އޭގެ ފަހުން މިލިއަނަކަށް މި އަދަދު އަރާފައި މިވަނީ ހަތަރު ވަރަކަށް މަސް ތެރޭގައެވެ. އެހެންކަމުން ކުރިޔާއި އަޅާބަލާއިރު ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރެވެ.

އިދާރާތަކުން ބުނާގޮތުން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި މަރުވި މީހުންގެ އަދަދު، ރެކޯޑްތަކުން ދައްކާ އަދަދުތަކަށްވުރެ ވެސް އެތައް ގުނައެއް އިތުރުވާނެއެވެ. އެހެންކަމުން ބަލީގެ ނުރައްކާ ކުޑަވެ، ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދުތައް ހިފެހެއްޓޭނީ ވެކްސިނެއް ބޭނުންކުރަން ފެށުމުން ކަމަށް އެފަރާތްތަކުން ބުނެއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ކޮވިޑް-19 ގެ ވެކްސިން ތައްޔާރު ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނައިރު، މަރުޙަލާތައް ފުރިހަމަވެފައިވާ ވެކްސިނެއް އަދި ނެތެވެ. ތަޖުރިބާކާރުން ވިދާޅުވާގޮތުން، ހުރިހާ މަރުޙަލާތަކަށްފަހު މި ބައްޔަށް ވެކްސިނެއް ރަސްމީ ގޮތެއްގައި ބޭނުންކުރެވެން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅުއެވެ.

ނުރައްކާތެރި ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުން މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އެ ސަރަޙައްދުން ވައިރަސް ފެނުނުތާ ގިނަ ދުވަސްތަކެއް ނުވަނީސް ވައިރަސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރިފައެވެ. އެއަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔެއަށް މި ވައިރަހުގެ ނުރައްކާ ކުރިމަތިވެ، ފަހުގެ ތާރީޚެއްގައި ވެސް ދުނިޔެއަށް ކުރިމަތިނުވާ ވަރުގެ ބޮޑު މުސީބާތަކަށް މި ބަލިމަޑުކަން ވަނީ ވެގެން ގޮސްފައެވެ.

މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. އޭގެތެރެއިން މިވަގުތު އެންމެ ނުރައްކާ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ އާއި، އަވައްޓެރި އިންޑިއާ އާއި ބްރެޒިލްގެ އިތުރުން ފްރާންސް އާއި އާޖެންޓީނާ އާއި އިސްރާއިލް އަދި ރަޝިޔާ ހިމެނެއެވެ.