ދުނިޔޭގައި ހިފެހެއްޓުމެއް ނެތި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ޚާއްސަކޮށްގެން ތައްޔާރުކުރާ ވެކްސިނެއް އުފެއްދި ބޭނުންކުރެވެން ފެށުމުގެ ކުރީން، މި ބަލީގައި މަރުވި މީހުންގެ އަދަދު ދެމިލިއަނަށް އަރާފާނެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކޮށް ޑަބްލިއުއެޗުއޯގެ ކުއްލި ނުރައްކަލާބެހޭ އިސްވެރިޔާ، މައިކް ރަޔާން ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި ދުނިޔެއަށް ކޮވިޑް-19 ގެ ނުރައްކާ ދެގުނަވެގެން ދާނެކަމަށް ބެލެވިފައި ވާއިރު، ބައްޔާއި މެދު އެކަށީގެންވާ ސަމާލުކަމެއް ނުދީފިނަމަ ކުރިން ހީކުރިވަރަށްވުރެ ވެސް ހާލަތު ގޯސްވެގެން ހިނގައިދާނެ ކަމަށެވެ.

އަދި މިވަގުތު ދުނިޔޭގެ ހާލަތު މި ބަލިމަޑުކަމުގައި އޮތް ގޮތަށް ބަލާއިރުވެސް، ބައްޔަށް ވެކްސިނެއް ބޭނުންކުރެވެން ފެށުމާއި ހަމައަށް މަރުވާ މީހުންގެ އަދަދު ދެމިލިއަނަށް އެރުމުގެ ފުރުސަތު އޮތްކަމީ ޤަބޫލުކުރަން ޖެހިފައިވާ ހިތާމަވެރި ހަޤީޤަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔެއިން ކޮވިޑް-19 ގައި މަރުވާ މީހުންގެ އަދަދު ދެ މިލިއަނަށް އަރާފާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ވިދާޅުވެފައި ވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު މިރޭ ވަނީ މިލިއަނަކަށް އަރާފައެވެ. އެގޮތުން އިއްޔެވެސް އިތުރު ފަސްހާހަށްވުރެ ގިނަ މީހުން ހިމެނޭހެން މިހާތަނަށް މަރުވި މީހުންގެ އަދަދު އުޅެނީ 1,000,773 ގައެވެ.

މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ ޔޫރަޕްގެ ޤައުމުތަކަށެވެ. އެޤައުމުތަކަށް މިހާރު އަރަމުންދަނީ ކޮވިޑް-19 ގެ ދެވަނަ ރާޅު ކަމަށާއި، މި ރާޅުގެ ނުރައްކާ ކުރިޔަށްވުރެ އެތައް ގުނައެއް އިތުރުވެގެންދާނެ ކަމުގެ އިންޒާރު ސިއްޙީ މާހިރުން އަންނަނީ ދެމުންނެވެ.

ޔޫރަޕުގެ އިތުރުން އަވައްޓެރި އިންޑިއާއަކީވެސް ހާލަތު އެންމެ ގޯސް ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އަދި ފާއިތުވެދިޔަ ދެވަރަކަށް ހަފްތާއަށް ބަލާއިރުވެސް އެންމެ ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނަ ޤައުމެއްގެ ގޮތުގައި އޮތީ އިންޑިއާއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުނިޔޭގެ މަޝްރަހަށް ބަލާއިރު، މިހާތަނަށް މި ބަލި ފެނުނު 213 ޤައުމު ނުވަތަ ސަރަޙައްދުން ޖުމްލަ 33.2 މިލިއަން މީހުން ފައްސިވެފައި ވެއެވެ. އޭގެތެރެއިން މިވަގުތު ބަލިން ރަނގަޅުވެފައި ވަނީ 24.4 މިލިއަން މީހުންނެވެ. އަދި މިހާރު ފަރުވާދޭ މީހުންގެ ތެރެއިން 65,000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެނީ ސީރިއަސް ހާލުގައެވެ.

ކިޔުންތެރިންގެ ހިޔާލު