އިންޑިއާގެ ސިޓީއެއް ކަމަށްވާ މުމްބާއީގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑި، އެސިޓީއިން ދެމުން އަންނަ ބައެއް ހިދުމަތްތަކަށް ބުރޫ އަރައިފިއެވެ.

މުމްބާއީގެ އިލެކްޓްރިސިޓީ ސަޕްލައި ބޯޑުން ބުނެފައިވަނީ ކަރަންޓު ކެނޑެން ދިމާވެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.

އެހެން ނަމަވެސް މިހާރު ބައެއް ސަރަހައްދުތަކަށް ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބޯޑުން ވަނީ ބުނެފައެވެ.

އެސިޓީއިން ކަރަންޓް ކެނޑުމުގެ ސަބަބުން ފޯރުކޮށްދެމުން އަންނަ ރޭލުގެ ހިދުމަތްތަކަށާއި ޓްރެފިކް ސިގްނަލްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އޭގެ ސަބަބުން މަގުތަކުގައި ބާރުބޮޑުވެފައިވާ ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ކަރަންޓް ކެނޑުނު ނަމަވެސް މުމްބާއީގެ އެއާޕޯޓާއި ބައެއް ބޭންކުތަކުން ކަރަންޓް ނުކެނޑޭ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އިންޑިއާ ގަޑިން މިއަދު ހެނދުނު 10:00 އެހާކަންހާއިރު މުމްބާއީގެ ސަރަހައްދުތަކުން ކަރަންޓް ކެނޑުމާއި ގުޅިގެން ކަރަންޓް ފޯރުކޮށްދެމުން އަންނަ ފަރާތުން ބުނެފައިވަނީ 45 މިނެޓު ތެރޭ އެ މައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

"ކަރަންޓް ކެނޑެން ދިމާވެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން. އެކަންތައް ހައްލު ކުރެވޭތޯ އަޅުގަނޑުމެންގެ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުން. ބެލެވޭ ގޮތުގައި ގަޑިއިރެއް ނުވަތަ 45 މިނެޓް ތެރޭ ހައްލު ކުރެވޭނެ" މަހަރަޝްތްރައިގެ އެނާޖީ މިނިސްޓަރ ނިތިން ރައުތް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު