ކޮވިޑް-19ގެ ވޭދަނަތައް (ކޭސްތައް) އިތުރުވަމުން އަންނާތީ ޗައިނާގެ ސިޓީއެއް ކަމަށްވާ ޗިންދާއޮ ސިޓީގެ އެންމެން ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެސިޓީގައި ނުވަ މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުން ދެއެވެ.

އެހެންނަމަވެސް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ އެންމެންގެ ސުންކު ނަގައި ނިންމާނެ ކަމަށް ޗިންދާއޮގެ އިދާރާތަކުން ވަނީ ބުނެފައެވެ.

އެސިޓީގެ އާންމުން ކޮވިޑް-19 ޓެސްޓް ކުރުމަށް ނިންމާފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ބަޔަކާއި ދިމާވި ބަޔަކު އެ ބައްޔަށް ފައްސިވުމާއި ގުޅިގެންނެވެ.

ބެއިޖިންގް އާއި 700 ކިލޯމީޓަރު ދުރުގައި އޮންނަ އެސިޓީއިން އިއްޔެ 19 މީހަކު ވަނީ ފައްސިވެފައެވެ. އޭގެ ތެރެއިން ގިނައީ ހޮސްޕިޓަލުގައި ފަރުވާދިން މީހުންނާއި ދިމާވެފައިވާ ފަރާތްތަކާއި ބަލީގެ އަލާމާތްތައް ނުހުންނަ މީހުންނެވެ.

ޗައިނާއަކީ ކޮވިޑް-19 އަށް މީހުން ޓެސްޓް ކުރުމުގައި އަވަސްކޮށް ހަރަކާތްތެރި ވަމުން އަންނަ އެއް ގައުމެވެ. އެގައުމުން މިހާތަނަށް ކޮވިޑް-19 ޖެހިގެން 85،578 މީހަކު ވަނީ ފާހަގަވެފައެވެ. އޭގެ ތެރެއިން 4،634 މީހަކު ވަނީ މަރުވެފައެވެ.

އަދި އެގައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 80،714 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު އެގައުމުން 230 މީހަކަށް ފަރުވާދެމުން އަންނައިރު، އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

ދުނިޔޭގެ 214 ގައުމަކާއި ސަރަހައްދެއް ހިމެނޭހެން ފެތުރިފައިވާ ކޮވިޑް-19 އެންމެ ފުރަތަމަވެސް ފެނިފައިވަނީ ޗައިނާގެ ވުހާން ސިޓީންނެވެ.

ކިޔުންތެރިންގެ ހިޔާލު