އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ނައްސި (ނެގެޓިވް) ވެފައިވާކަން ވައިޓް ހައުސް އިން އިއުލާނުކޮށްފިއެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު، ކޭލިގް މެކަނީ މިކަން ހާމަކޮށް ކުރެއްވި ޓްވީޓެއްގައި ވަނީ، ޓްރަމްޕްގެ ފިޒީޝަންގެ ބަޔާނެއް އާންމުކުރައްވާފައެވެ. އެ ބަޔާނުގައި ޑރ. ޝޯން ކޮންލޭ ވިދާޅުވެފައި ވަނީ ޓްރަމްޕް ކޮވިޑް-19 އަށް ނައްސިވެފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ޓްރަމްޕްގެ ފަރާތުން އެހެން މީހުންނަށް ބަލި ނުފެތުރޭނެ ކަމަށް އެ ބަޔާނުގައި ކޮންލޭ ވިދާޅުވެފައި ވެއެވެ.

ޓްރަމްޕް އަށް ކޮވިޑް-19 ޖެހުނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އޭނާ ބައްޔަށް ނައްސިވެފައިވާކަން ވައިޓް ހައުސް އިން އިއުލާނުކޮށްފައި މިވަނީ، ބަލިން ރަނގަޅުވެއްޖެ ކަމަށާއި ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވުމަށް ތައްޔާރަށް ހުރިކަން އޭނާ ދާދިފަހުން ހާމަކޮށްފައި ވަނިކޮށެވެ.

ވައިޓް ހައުސް އިން ޓްރަމްޕްގެ ފިޒީޝަންގެ ބަޔާން ނެރެފައި މިވަނީ، ފްލޮރިޑާގައި ކުރިޔަށްދާ ޓްރަމްޕްގެ ކެމްޕެއިން ހަރަކާތެއް ފަށަން ކައިރިވެފައި ވަނިކޮށްވެސް މެއެވެ. އެހެންކަމުން އެ ހަރަކާތުންނާއި ކުރިޔަށް ހުރި ކެމްޕެއިން އެކިއެކި ހަރަކާތްތަކުން ޓްރަމްޕް ފެންނާނެ ކަމަށް ބެލެވެއެވެ.

ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވީ ދުވަހުން ފެށިގެން އޭނާއަށް ބަލީގެ އަލާމާތްތައް ފެންނަމުން ދިޔައެވެ. އޭގެފަހުން އިތުރަށް ހާލު ގޯސްވުމުން އޭނާއަށް ވަނީ މެރީލޭންޑުގައި ހުންނަ އަސްކަރީ ހޮސްޕިޓަލެއްގައި ވެސް ފަރުވާ ދީފައެވެ.

ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، މި ބަލިމަޑުކަން ފެތުރޭތީ އެކުލަވާލާފައިވާ ރައްކާތެރިކަމުގެ އުސޫލުތަކާއި ޚިލާފަށް އުޅެނިކޮށެވެ. އޭނާ ބައްޔަށް ފައްސިވެފައިވާކަން އެނގުނީ އޭނާގެ އިސް އެހީތެރިއަކު މިބައްޔަށް ފައްސިވުމުން ހެދި ޓެސްޓަކުންނެވެ. މި ދެމީހުން ވަނީ ރައްކާތެރިކަމަށް ނުބަލައި އެކީގައި ދަތުރުކޮށްފައެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުނިޔެއަށް ކުރިމަތިވަމުންދާ މިންވަރު ބޮޑުނަމަވެސް، މި ބައްޔަކީ މާ ނުރައްކާތެރި ބައްޔެއް ކަމަށް ޓްރަމްޕް ޤަބޫލެއް ނުކުރެއެވެ. އުމުރުން 74 އަހަރުގެ ޓްރަމްޕަކީ ކޮވިޑް-19 ގެ ހިރާސް ބޮޑު (ހައިރިސްކު) ކެޓަގަރީގައި ހިމެނޭ މީހެކެވެ.

ބަލިން ރަނގަޅުވަމުން އައި ދުވަސްވަރު އޭނާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ ކޮވިޑް-19 ޖެހުމަކީ "ލިބުނު ނަސީބެއް" ކަމަށާއި، ފައްސިވިފަހުން އަލުން ޒުވާންކަން ލިބިފައިވާކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. ހަމަ އެހެންމެ ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާ ދިންފަހުން މިހާރު ކުރިޔަށްވުރެ ސިއްޙަތު ރަނގަޅު ކަމަށް ޤަބޫލުކުރެވޭ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވިފަހުން ވައިޓް ހައުސް އިން ނެގި ސުންކުތަކުން މިހާތަނަށް 35 މުވައްޒަފަކަށް މިބަލި ޖެހިފައިވާކަން ވަނީ ހާމަވެފައެވެ. އަދި އެމީހުންގެ ފަރާތުންވެސް އިތުރު ގިނަ ބަޔަކަށް ބަލި ޖެހިފައިވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަޑިތަކުރު

    އުމުރުން ދުވަސްވީ މީހުންނަކީ ކޮވިޑްގެ އެންމެ ހައި ރިސްކް މީހުންކަމަށް ޑޮކްޓަރުން ބުނޭ. ޓްރަމްޕަކީ އެކެޓެގަރީގެ މީހެއް. މިހާތަނަށް ކޮވިޑް ޖެހިގެން އެބަލިން އެންމެ އަވަހަށް ފަސޭހަވީ މީހަކީ ޓްރަމްޕް. ބަލި ޖެހުނީ މިމަހު 1ވަނަދުވަހު. ރަންގަޅުވީ 12 ވަނަ ދުވަހު. އެބުނާ ކަރަންޓީނުގެ މުއްދަތުވެސް ހަމަނުވޭ. ދެން ހައިރިސްކް ވާނީ މިހާވަރަށް. އެންމެ ފަސޭހައިން ކޮވިޑް ޖެހެނީ އުމުރުން ދުވަސްވީ މީހުންނަށްކަމަށް މިރާއްޖޭގައިވެސް އެޗްޕީ އޭއިން ބުނޭ. އެކަމަކު މިހާތަނަށް އެންމެ ގިނައިން ކޮވިޑް ޖެހިފައިވަނީ ޒުވާނުންނާ މެދު އުމުރު މީހުނަށް.

  2. އަންނި

    ހާދަ އުފާވެރި ހަބަރެކޭ.