ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ދުނިޔެގެ އެކި ކަންކޮޅުތަކުން ފައްސިވީ މީހުންގެ އަދަދު 38 މިލިއަނަށް އަރައިފިއެވެ.

ދުނިޔެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު 37 މިލިއަނުން 38 މިލިއަނަށް އަރާފައި މިވަނީ ފާއިތުވެދިޔަ ދެވަރަކަށް ދުވަސް ތެރޭގައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް ދުނިޔެއިން 250,000 އަށްވުރެ ގިނަ މީހުން އަލަށް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއާއެކު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 38,012,466 ގައެވެ.

މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ފައްސިވެފައި ވަނީ އެމެރިކާ އާއި އަވައްޓެރި އިންޑިއާ އަދި ބްރެޒިލް އިންނެވެ. މިގޮތުން އެމެރިކާއިން މިހާތަނަށް 8 މީހަކަށް ބަލި ޖެހިފައި ވާއިރު، އިންޑިއާއިން 7.1 މީހަކަށް ބަލި ޖެހިފައި ވެއެވެ. އަދި ބްރެޒިލް އިން މިހާތަނަށް ޖުމްލަ 5.1 މީހަކަށް ބަލި ޖެހިފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

މީގެ ތެރެއިން މިވަގުތު އެންމެ ނުރައްކާ ބޮޑުވެ، އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދަނީ އިންޑިއާއަށެވެ. އެޤައުމުން މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް އިތުރު ބައިލައްކަ އަށްވުރެ ގިނަ މީހުން ފައްސިވެފައި ވެއެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރޭ މިންވަރަށް ހިފެހެއްޓުމެއް ނައިސް، ހާލަތު އިތުރަށް ގޯސްވަމުން އަންނައިރު މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އެކަނިވެސް ތިންހާހަށްވުރެ ގިނަ މީހުން މަރުވެ، ދުނިޔެއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ މިލިއަނަކަށް އަރާފައެވެ.

ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އަދި ޖެނުއަރީ މަހުގެ ތެރޭގައި މި ބަލި ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެން ފެށިއިރު، މިހާތަނަށް 214 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ވަނީ ފެނިފައެވެ. އޭގެތެރެއިން ބަލީގެ ވޭދަނައެއް މިހާރު ނެތީ 12 ސަރަޙައްދެއްގައެވެ.

ފަހުގެ ތާރީޚެއްގައިވެސް ދުނިޔެއަށް ކުރިމަތިވެފައި ނުވާވަރުގެ މި ނުރައްކާތެރި ބަލިމަޑުކަމަށް އަދި ފަރުވާއެއް ނުވަތަ ވެކްސިނެއް ބޭނުންކުރަން ފަށާފައެއް ނުވެއެވެ. ސައިންސްވެރިން ޤަބޫލުކުރާ ގޮތުން މި ބަލިމަޑުކަން ކޮންޓްރޯލް ކުރެވޭނެ ވެކްސިނެއް ތައްޔާރުކުރެވޭނީ މިއަހަރު ފަހުކޮޅު އަންނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު