ރަޝިޔާގެ އިދިކޮޅު ލީޑަރު، އެލެސީ ނަވަލްނީ އާއި އޭނާގެ އާއިލީ ބޭފުޅުންގެ ބޭންކް އެކައުންޓުތައް ބޭނުން ނުކުރެވޭގޮތް ހަދައިފިއެވެ.

މިކަން ހާމަކޮށް ނަވަލްނީ އިންސްޓަގްރާމުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ ބޭންކް އެކައުންޓާއި އާއިލީ ގޮތުން ގުޅިފައިވާ އެތައް ބައެއްގެ ބޭންކް އެކައުންޓުތައް ބޭނުން ނުކުރެވޭ ގޮތަށް ހިފަހައްޓާފައިވާކަން އެނގިވަޑައިގަތީ އިއްޔެ ކަމަށެވެ.

"އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން އަޅުގަނޑު ހުޅުވާފައިވާ ބޭންކް އެކައުންޓާއި އަޅުގަނޑުގެ އާއިލާ އެންމެންގެ އެކައުންޓްތައް މިހާރު ވަނީ ބޭނުން ނުކުރެވޭގޮތް ހަދާފައި. މިއީ ކަނޑައެޅިގެން އުސޫލުތަކާއި ޚިލާފަށް ހިންގާފައިވާ ކަމެއް،" ނަވަލްނީ ވިދާޅުވިއެވެ.

ނަވަލްނީ ވިދާޅުވީ، ބޭންކް އެކައުންޓުތައް ހިފެހައްޓައި، އުމުރު ދުވަހު ރައްކާކުރެއްވި ހުރިހާ ފައިސާއެއް ރަޝިޔާގެ ސަރުކާރުން ފޭރިގަނެފައިވާ ކަމަށެވެ. އަދި ފައިސާ ހޯދޭނެ ހުރިހާ މަގުތަކެއްވެސް ބަންދުކޮށް ތަކުލީފުތަކާއި ކުރިމަތިކުރުވަމުންދާ ކަމަށްވެސް ނަވަލްނީ ވަނީ ވިދާޅުވެފައެވެ.

ނަވަލްނީ ވިދާޅުވީ، ރަޝިޔާގެ ސަރުކާރުން އެނާއަށް ކުރިމަތިކުރަމުންދާ ދަތިތަކުގެ ތެރެއިން އެކައުންޓުތައް ހިފެހެއްޓުމުގެ އިތުރުން ދިރިއުޅޭ އެޕާޓްމެންޓުންވެސް ބޭރުކޮށްލާފައިވާ ކަމަށެވެ. މި ހުރިހާ ދަތިތަކެއްވެސް ކުރިމަތިކުރުވަމުން ދަނީ އޭނާއަކީ އިދިކޮޅު ލީޑަރަށްވުމުން ކަމަށް ނަވަލްނީ ވިދާޅުވިއެވެ.

ނަވަލްނީއަށް ދަތިކުރުމުގެ ކަންކަން ރަޝިޔާ ސަރުކާރުން ކުރަމުން އަންނައިރު، ދާދިފަހުން އޭނާއަށް ވިހައެއް ދީގެން އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި ވެސް ރަޝިޔާގެ ސަރުކާރުގެ އިސް ބޭފުޅުންނަށް ތުހުމަތުތަކެއް ކުރެވިފައި ވެއެވެ. ނަމަވެސް ރަޝިޔާގެ ސަރުކާރުން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

މިދިޔަ އޮގަސްޓު މަހުގެ 21 ވަނަ ދުވަހު ވިހަ ދިނުމުގެ ސަބަބުން އޭނާ ކޯމާއަކަށް ގޮސް މަހެއްހައި ދުވަސް ވަންދެން ޖަރުމަންވިލާތުގެ ހޮސްޕިޓަލެއްގައި ފަރުވާދޭން ޖެހުނެވެ. އެއަށްފަހު ހާލުކޮޅު ރަނގަޅުވުމުން ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ ދާދިފަހުންނެވެ.

ނަވަލްނީ އަކީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ އެންމެ ބޮޑު ވާދަވެރިޔާއެވެ. ނަވަލްނީގެ ސިޔާސީ ޕާޓީ ވެސް ވަނީ ރަޝިއާގައި ހަރަކާތްތެރިވުން މަނާކޮށްފައެވެ. ނަމަވެސް އޭނާއަކީ ރަޝިޔާގެ ގިނަ ބައެއްގެ ތާޢީދު ލިބިފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެޓާނީޖެނެރަލް

    އެއްވެސް މިހަކު އިދިކޮޅުވާން ވާންނީ މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ދެނެހުރެ، އާދައިގެ މީހުންނަކާ އިދިކޮޅުލީޑަރަކާ އެއްހަމައެއް ނުވާނެ ބައެއްކަހަލަ އިމްތިޔާޒްތަށް ލިބޭއިރު ބައެއްކަހަލަ ނުހޮރުއްޕާންވެސް ވާނެކަމަށް ދަންނަށްވާނެ