ޒުވާނުންނާއި ސިއްހީ ހާލަތު ރަނގަޅު، ބޮޑު ބައްޔެއް ނެތް މީހުންނަށް ކޮވިޑް-19 ވެކްސިން ލިބޭނެ ކަމަށް ބެލެވެނީ 2022 ވަނަ އަހަރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓް ސޮމްޔާ ވިސަމިނަތަން ރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކޮވިޑް-19 ފުރަތަމަ ދޭނީ އުމުރުން ދުވަސްވީ މީހުންނަށާއި ކޮވިޑް-19 ޖެހިއްޖެނަމަ ހާލަތު އެންމެ ބޮޑަށް ގޯސްވެދާނެ ކަމަށް ބެލެވޭ މީހުންނަށް ކަމަށެވެ. އަދި ފުރަތަމަ ވެކްސިން ދޭނެ ގްރޫޕްގެ ތެރޭގައި ފުރަތަމަ ސަފުގައި މަސައްކަތް ކުރާ މީހުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް މީހުން އެބަބުބޭ ޖަނަވަރީ މަހު ނުވަތަ އޭޕްރީލް މަހު ތިމަންނައަށް ވެކްސިން ލިބޭނެއޭ. އެއާއިއެކު ހުރިހާ ކަމެއް ވެސް ހަމައަކަށް އެޅިގެން ދާނެއޭ. ނޫން އެއީ އެހައި ފަސޭހައިން ވާނެ ކަމެއް ނޫން." ސޮމްޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2021 ވަނަ އަހަރުގެ ކުރީކޮޅު ބައެއް ވެކްސިންތައް އާއްމުކޮށް ބޭނުން ކުރަން ފެށޭނެ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް ފުރަތަމަ ވެކްސިން އާއްމުކޮށް ދޭނީ ވެސް "ލިމިޓެޑް އަދަދެއްގެ މީހުންނަށް" ކަމަށެވެ.

"ފުރަތަމަ ވެކްސިން ދޭނީ ކޮންބައެއްތޯ އާއި ވެކްސިން ދިނުމުގައި އިސްކަންދޭނީ ކޮން ބަޔަކަށްތޯ ކަނޑައަޅައި ވަރަށް ގިނަ ގައުމުތަކުން ގައިޑްލައިންތައް ނެރެމުން ދާނެ ކަމަށް އަހަރެންނަށް ބެލެވޭ. އެކަމަކު ސިއްހަތު ރަނގަޅަށް ތިބޭ، ސިއްހީ ދާއިރާގައި މަސައްކަތް ނުކުރާ އާއްމު ފަރުދުންނާއި ސިއްހަތު ރަނގަޅު ޒުވާނުން ކޮވިޑް-19 ވެކްސިނެއް ހޯދަން 2022 ވަނަ އަހަރާއި ހަމައަށް މަޑުކުރަން ޖެހޭނެ ކަމަށް އަހަރެންނަށް ގަބޫލު ކުރެވޭ." ސޮމްޔާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް އުފައްދާފައިވާ ނުވަ ވެކްސިނެއް މިހާރު ތިންވަނަ މަރުހަލާގައި ތަހްލީލް ކުރަމުން އެބަގެންދެއެވެ. އޭގެ ތެރެއިން ޗައިނާ އިން އުފައްދާފައިވާ ތިން ވެކްސިނެއްގެ ތަހްލީލްތައް ނިމި މިއަހަރު ނިމުމުގެ ކުރިން އެވެކްސިންތައް އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯ އިން ދީފާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް އެހެން ގިނަ ވެކްސިންތައް އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ ލިބޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފުރަތަމަ ކްއާޓާގައެވެ.

ކިޔުންތެރިންގެ ހިޔާލު