އެމެރިކާގެ ނިއު ޔޯކްގެ ކޮލެޖް ސަނީ އޮނިއޮންޓާ ގައި ތައުލީމް ހާސިލް ކުރަމުން އަންނަ 700 ދަރިވަރުން ކޮވިޑް-19 އަށް ފައްސިވުމާ އެކު، އެ ކޮލެޖްގެ ރައީސް ޑރ. ބަރްބަރަ ޖިން މޯރިސް އިސްތިއުފާ ދެއްވައިފިއެވެ.

އެ ކޮލެޖްގެ ވަގުތީ ރައީސް އަދި ޗާންސެލަރު ޖިމް މަލަޓްރަސް ވިދާޅުވީ މޯރިސް މަގާމުން އެކަހެރިވެވަޑައިގެންފައި ވަނީ އެހެން ފުރުސަތެއް ހޯއްދެވުމުގެ ބޭނުމުގައި ކަމަށެވެ. އެ ކޮލެޖުން ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ސެމިސްޓާ ފެށުނު ފަހުން ކަމަށްވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ އޮގަސްޓް 17 ވަނަ ދުވަހު ކޮލެޖް އަލުން ހުޅުވި ފަހުން، މިހާތަނަށް 712 ދަރިވަރަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި 61 ކެމްޕަސް އަކުން މިހާތަނަށް 1،167 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

ސަނީ އޮނިއޮންޓާ އިން ގިނަ ބަޔަކު ފައްސިވުމާ ގުޅިގެން އޮގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން ދަރިވަރުންނަށް ކިޔަވައި ދެނީ އޮންލައިންކޮށެވެ. މިހާ ގިނަ ބަޔަކު އެ ކޮލެޖުން ފައްސިވީ ކަރަންޓީން އުސޫލަށް އަމަލު ކުރުން ހުއްޓާލި ފަހުން ކަމަށްވެއެވެ.

މި ކޮލެޖްގައި 6،700 އަށް ވުރެ ގިނަ ކުދިން ތައުލީމް ހާސިލް ކުރަމުން އެބަދެއެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އަށް އެންމެ ހަލުވިކަމާ އެކު ފެތުރެމުން އަންނަ އެއް ގައުމަކީ ވެސް އެމެރިކާއެވެ. އެގޮތުން އެ ގައުމުން އަށް މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި، ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު