ސްރީލަންކާއަށް ދާ ފަރާތްތަކުންނާއި އެގައުމުން ބޭރުވާ ފަރާތްތަކުން 3 ދުވަސް ނުވާ ނައްސި (ނެގެޓިވް) ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭ ގޮތަށް ނިންމައިފިއެވެ.

ލަންކާ ސަރުކާރުން ނިންމާފައިވާ މި ގަވައިދުގައި ބުނެފައިވަނީ އެގައުމަށް އެތެރެވުމުގެ ކުރިން ނުވަތަ ބޭރުވުމުގެ ކުރިން ގިނަވަގެން 72 ގަޑިއިރު ވެފައިވާ ނައްސި ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ލަންކާއަށް އެތެރެވާ ފަރާތްތަކުން ޕީސީއާރު ޓެސްޓު ހުށަހަޅާ ގޮތަށް ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެގައުމުން ބޭރުވާ ފަރާތްތަކުން ޕީސީއާރު ޓެސްޓު ހުށަހަޅަން ނިންމި ނިންމުމަށް އަމަލު ކުރަން ފަށަން ޖެހެނީ މާދަމާއިން ފެށިގެންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ލަންކާއިން ގިނަ ފިޔަވަޅުތަކެއް އެޅިނަމަވެސް، ފަހަކަށް އައިސް އެގައުމުން ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން މިހާރު އެކުލަވާލާފައިވާ އުސޫލުތަކަކީ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލްކޮށް އެގައުމަށް އަންނަ ފަރާތްތަކާއި ބޭރުވާ ފަރާތްތަކުން ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެކުލަވާލާފައިވާ ނިންމުމެކެވެ.

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މާޗް ފަހުކޮޅުގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހު އަލުން ހުޅުވާލުމާއެކު ސްރީލަންކަން އިން އަންނަނީ ރާއްޖެއާއި ލަންކާއާއި ދެމެދު ފްލައިޓްތައް ބާއްވަމުންނެވެ.

އެއާލައިންސްއިން ހަފުތާއަކު އާދިއްތަ، ބުދަ އަދި ބުރާސްފަތި ދުވަހު އަންނަނީ ކޮލޮމްބޯއާއި މާލެއާ ދެމެދު ފްލައިޓްތައް އޮޕަރޭޓް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު