ނަސާރާ ދީނުގެ އެންމެ އިސް ފާދިރީ، ޕޯޕް ފްރޭންސިސް އާއި އެނޫންވެސް އިސް ފާދިރީން ދިރިއުޅޭ ވެޓިކަން ސިޓީގެ ރެޒިޑެންސުން ކޮވިޑް-19 ފެނިއްޖެ އެވެ. ވަކިވެރިކަމެއް އޮންނަ މި ސަރަޙައްދަކީ ނަސާރާ ދީނުގެ އިސް މީހުންނަށް ޚާއްސަ ކުރެވި ޤައުމެއްގެ ދަރަޖަ ދީފައި އޮންނަ ސަރަޙައްދެކެވެ.

ނޫސްތައް ބުނާގޮތުން ވެޓިކަން ސިޓީން ކޮވިޑް-19 އަސް ފައްސިވި މީހާ އަކީ ޕޯޕް ފްރޭންސިސް ދިރިއުޅޭ ރެޒިޑެންސުގައި ދިރިއުޅެމުންދިޔަ މީހެކެވެ. އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ ބަލީގެ އަލާމާތްތައް ފެނުމުން ހެދި ޓެސްޓަކުންނެވެ. މިކަމާއި ގުޅިގެން ޕޯޕް ފްރޭންސިސްވެސް މި ބައްޔަށް ޓެސްޓު ކުރެވިފައި ވެއެވެ. ނަމަވެސް އޭނާ ވަނީ ބައްޔަށް ނައްސިވެފައެވެ.

ޕޯޕް ފްރޭންސިސް އާއެކު އިތުރު ބައެއް އިސް ފާދިރީން

ވެޓިކަން ސިޓީން ކޮވިޑް-19 އަށް ފައްސިވި މީހާ ގިނަ ބަޔަކާއި ބައްދަލުވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ. މިކަމާއި ގުޅިގެން ސިއްޙީ އިދާރާތަކުން އަންނަނީ އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.

ވެޓިކަން ސިޓީން ކޮވިޑް-19 އަށް ފައްސިވި މީހާއާއި ބެހޭ މަޢުލޫމާތެއް އެޤައުމުގެ އިދާރާތަކުން ހާމަކޮށްފައި ނުވާއިރު، މަސްދަރުތަކުން ބުނެފައިވާ ގޮތުން އޭނާ ދިރިއުޅެމުން ދިޔައީ ޕޯޕް ފްރޭންސިސް ވެސް ދިރިއުޅޭ ސޭންޓް ޕީޓާސް ބެސިލިކާ ރެޒިޑެންސުގައެވެ. މިއީ 130 އެޕާޓްމެންޓް ހުންނަ ރެޒިޑެންސެކެވެ.

ޕޯޕް ފްރޭންސިސް ދިރިއުޅޭ ސަރަޙައްދުން ކޮވިޑް-19 ފެނުމާއި ގުޅިގެން، ގިނަ ބަޔަކު މި ބައްޔަށް ފައްސިވެފައި ވެދާނެ ކަމަށް ވަނީ ބެލެވިފައެވެ. އެއީ އެ ސަރަޙައްދަކީ ނަސާރާ ދީނުގެ ދީނީ އެކިއެކި ޙަފްލާތައް ވަރަށް ގިނައިން ކުރިޔަށްގެންދާ ސަރަޙައްދަކަށް ވާތީއެވެ.

ޕޯޕް ފްރޭންސިސް އަކީ ކޮވިޑް-19 ގެ ހިރާސް ބޮޑު (ހައި ރިސްކް) ކެޓެގަރީގެ މީހެކެވެ. އޭނާއަކީ މީގެ ކުރިން ދިމާވި ސިއްޙީ ހާލަތެއްގައި ފުއްޕާމެއިން ބައެއް ނަގާފައިވާ މީހެއްވެސް މެއެވެ.

މީގެ ކުރިންވެސް ވެޓިކަން ސިޓީން ކޮވިޑް-19 ގެ ވޭދަނަތަކެއް ފެންމަތިވިއެވެ. ނަމަވެސް އެޤައުމުން މިހާތަނަށް ބައްޔަށް ފައްސިވީ 27 މީހުންނެވެ. އަދި މި ބަލީގައި ވެޓިކަން ސިޓީން މީހަކު މަރުވެފައެއް ނުވެއެވެ.

ޕޯޕް ފްރޭންސިސް އާއި ނަސާރާ ދީނުގެ އެންމެ އިސް ފާދިރީން ދިރިއުޅޭ ވެޓިކަން ސިޓީ ހިމެނޭހެން މިހާތަނަށް ދުނިޔެއިން މި ބަލި ފެނުނު ޤައުމުތައް ނުވަތަ ސަރަޙައްދުތަކުގެ ޢަދަދު 215 އަށް އަރައެވެ. ވެޓިކަން ސިޓީ އަކީ އިޓަލީގެ މެދުތެރޭގައި އޮންނަ ކުޑަކުޑަ ޤައުމެކެވެ. މި ސަރަޙައްދުގައި ދިރިއުޅެނީ ހަމައެކަނި ނަސާރާ ދީނުގެ ފާދިރީން ކަމަށް ވެއެވެ.

ވެޓިކަން ސިޓީއަކީ ދުނިޔޭގެ އެންމެ ކުޑަ ޤައުމެވެ. ވަށައިގެން އިޓަލީގެ ބޯޑަރު ޙިއްސާކުރާ މި ޤައުމަކީ އެމެރިކާގެ ސެންޓްރަލް ޕާކަށްވުރެވެސް ކުޑަ ސަރަޙައްދެއް އޮންނަ ޤައުމެކެވެ. މި ޤައުމުގެ ވެރިކަން ކުރަނީވެސް ޕޯޕް ފްރޭންސިސް އާއި ނަސާރާ ދީނުގެ އިސް ފާދިރީންނެވެ. ވަކި ޤައުމެއްގެ ގޮތުގައި އޮތްނަމަވެސް މި ޤައުމު ހިންގަނީ އިޓަލީގެ އަވަށެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު