ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ފަލަަސްތީނުގެ އެންމެ އިސް ލީޑަރު ސައިބް އެރެޣާތަށް ކޮވިޑް-19 ޖެހިވަޑައިގެން، ހާލުކޮޅު ސީރިއަސް ވެއްޖެ އެވެ.

"އަލްޖަޒީރާ ނޫހުން" ރިޕޯޓް ކޮށްފައިވާ ގޮތުގައި ސައިބް އެރެޣާތަށް ފަރުވާ ދިނުމުގެ ގޮތުން މިހާރު ވަނީ އިސްރާއީލުގައި ހުންނަ ހޮސްޕިޓަލަށް ގެންދެވިފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 65 އަހަރުގެ އެރެޣާތަށް ކޮވިޑް-19 ޖެހިފައިވާތާ މިހާރު ހަފްތާއެއްހާ ދުވަސް ވެދާނެއެވެ. އޭގެ ފަހުން ދުވަހުން ދުވަހުން ދުވަހަށް އެމަނިކުފާނު ހާލުކޮޅު ދަށްވަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ފަލަސްތީނުގެ ލިބެރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ސެކްރެޓަރީގެ މަގާމު ފުރުއްވަމުން އަންނަ އެރެޣާތަށް ކޮވިޑް-19 ޖެހިވަޑައިގަތުމާއެކު އެކު ގިނަ ގުނަ އުނދަގޫތަކެއް ދިމާވުން އެކަށީގެންވާ ކަމަށްވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެގޮތަށް ރިޕޯޓް ކޮށްފައިވަނީ ކޮވިޑް-19 އަކީ ނޭވާލާ ނިޒާމު ދަށްކޮށްލާ ބައްޔެއް ކަަމަށްވާއިރު، އެރެޣާތު 2017 ވަނަ އަހަރުގެ ފުއްޕާމޭ ބަދަލުކޮށްފައި ކަމެވެ.

ޕީއެލްއޯއިން ބުނީ، އެރެޣާތަށް ފަރުވާދެމުން ގެންދަވަނީ ގުދުސްގައި ހުންނަ ހޮސްޕިޓަލެއްގައި ކަމަށެވެ.

އެރެޣާތުގެ ހާލަތާއި މެދު ވާހަކަ ދައްކަވަމުން އޭނާގެ ބޭބެ ސަބާ އެރެޣާތު ވިދާޅުވީ، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ނޫން ކަމަށެވެ.

ޕީއެލްއޯ އާއި އެންމެ ވަރުގަދަ އެއް ފެކްޝަނެއްގެ ގޮތުގައި އޮންނަ ފަތާހްގެ މެމްބަރު ކަންވެސް ކުރައްވަމުން އަންނަ އެރެޣާތު އަކީ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ފަލަސްތީނުގެ އެންމެ އިސް ލީޑަރުކަންވެސް ކުރައްވަމުން އައިސްފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު