ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ރަޝިޔާއިން ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ރަޝިޔާއިން އިތުރު 15,982 މީހަކު ފައްސިވެފައި ވެއެވެ. މިއީ އެޤައުމުން ކޮވިޑް-19 ފެނުނު ފަހުންވެސް މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވީ ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

އިއްޔެ ރެކޯޑް އަދަދަކަށް މީހުން ފައްސިވުމާއެކު ރަޝިޔާއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,415,316 އަށް އަރާފައެވެ.

އެޤައުމުގައި ކޮވިޑް-19 ފެތުރޭ މިންވަރަށް އެއްވެސް ހިފެހެއްޓުމެއް ނައިސް އިތުރުވަމުން އަންނައިރު، މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް އިތުރު 179 މީހަކު ހިމެނޭހެން އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު 24,366 އަށް އަރައެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން ރަޝިޔާގައި ކޮވިޑް-19 ފެތުރޭ މިންވަރަށް ކޮންމެވެސް ވަރެއްގެ ހިފެހެއްޓުމެއް އައިސްފައި އޮތުމަށްފަހު އަނެއްކާވެސް ހާލަތު ގޯސްވާނެ ފެށީ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ. މިގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން އަންނަނީ ރެކޯޑް އަދަދަކަށް މީހުން ފައްސިވަމުންނެވެ.

ރަޝިޔާއަކީ މިވަގުތު ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހި، މި ބަލީގައި ދުނިޔެއިން 13 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ރަޝިޔާ އިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އެޤައުމު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު