ސްރީލަންކާގެ ޕެލިޔަގޮޑާގެ މަސް މާރުކޭޓަކުން 49 މީހަކު ކޮވިޑް-19 އަށް ފައްސިވުމުން އެ މާރުކޭޓް ބަންދުކޮށްފިއެވެ.

އެހިސާބުގެ މެޑިކަލް އޮފިސަރ އޮފް ހެލްތް (އެމްއޯއެޗް) ބުނެފައިވަނީ އެ ހިސާބުން ފައްސިވި މީހުންގެ ތެރޭގައި މަސް ވިއްކާ މީހުންނާއި އެމީހުންގެ އަތުން މަސް ގަނެފައިވާ މީހުންވެސް ހިމެނޭ ކަމަށެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފައްސިވެފައިވާ މަސް ވިއްކާ މީހެއްގެ އަތުން މަސްގަނެފައިވާ މީހުންގެ ތެރެއިން 150 މީހަކަށް ޕީސީއާރު ޓެސްޓު ހެދުމަށް ވަނީ އަންގާފައެވެ. އޭގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބިފައިވާ މީހުންގެ ތެރެއިން 49 މީހަކު އެ ބައްޔަށް ފައްސިވެފައިވާ ކަމަށްވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

އެގައުމުގެ ސިއްހީ މާހިރުން އަންނަނީ އެތަނުގައި މަސައްކަތް ކުރާ މަސްވިއްކާ މީހާއަށް ވައިރަސް ޖެހުނު ގޮތް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް އެބަލި ޖެހިފައިވަނީ އެގައުމުން ފައްސިވެފައިވާ ފެކްޓަރީގައި މަސައްކަތް ކުރާ މީހަކާއި ގާތުން ބައްދަލު ވެގެންނެވެ.

ސްރީލަންކާގައި ކޮވިޑް-19 ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވަނީ މީގެ ކުރިން ވެފައެވެ. އެހެން ނަމަވެސް ދާދިފަހުން އެގައުމުން އެގައުމުން ފައްސިވާ މީހުންގެ އަދަދު ވަނީ މަތިވާން ފަށާފައެވެ. އެގޮތުން އިއްޔެވެސް އެގައުމުން 186 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އެއާއި އެކު އެބަލި ޖެހިގެން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 5،811 އަށް އަރާފައެވެ.

އެގައުމުން މިހާތަނަށް މި ބަލި ޖެހިގެން މަރުވެފައިވަނީ 13 މީހެކެވެ. އަދި ބަލި ޖެހިގެން ރަނގަޅުވެފައިވަނީ 3،457 މީހެކެވެ. މި ބަލީގައި މިހާރު 2،341 މީހަކަށް ފަރުވާދެމުން އަންނައިރު، އެއްވެސް މީހެއްގެ ހާލު ސީރިއަސް އެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު