ބޭރަށް ނިކުމެ އުޅޭއުޅޭ އިރުއާއި ގިނަ މީހުން އެއްވާ ތަންތަނުގައި މާސްކު އެޅުމަށް އެމެރިކާ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލާއި އެޤައުމުގެ ރައީސް ޓޮނަލްޑް ޓްރަމްޕް އާއި އޭނާގެ އާއިލާ އަދި ބައެއް ސަޕޯޓަރުން ވަނީ ހިލާފުވެފައި އެވެ. ނަމަވެސް އެމެރިކާގައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި ގުޅިގެން ރޭ ބޭއްވި ބަހުސުގައި ޓްރަމްޕުގެ އާއިލާގެ އެންމެންވެސް މާސްކު އަޅަން މަޖުބޫރު ކޮށް މާސްކު ނަގައިފިއްޔާ ބަހުސް ކުރާ ތަނުން ނެރެން ބުނުމުން އެންމެންވެސް އެގޮތަށް އަމަލުކޮށްފި އެވެ.

ރޭ ބޭއްވި ރިޔާސީ އިންތިހާބުގެ ފަހު ބަހުސުގައި ޓްރަމްޕުގެ އާއިލާގެ ފަރާތުން ބައިވެރިވި މެމްބަރުންގެ ތެރޭގައި މެލާނިޔާ، އިވަންކާ އަދި ޓިފަނީ ހިމެނެއެވެ. މި އެންމެންވެސް ބަހުސަށް ދިޔައީ މާސްކު އަޅައިގެންނެވެ. އަދި ބަހުސް ކުރާ ތަނުގައި ތިބެ އެކަކުވެސް މާސްކު ނަގައިފިއްޔާ އެތަނުން ބޭރުކޮށްލާނެ ކަމަށް ބުނުމުން އެކަކުވެސް މާސްކު ނަގާފައި ނުވެ އެވެ.

ރިޔާސީ އިންތިހާބުގެ ބަހުސަށް ދާ މީހުންގެ ތެރެއިން ސްޓޭޖަށް ބަހުސް ކުރަން އަރާ މީހުންނަށް މާސްކު ނާޅާ ތިބުމުގެ ހުއްދަ އޮތެވެ. ޓްރަމްޕް އަދި އެނާގެ އަންހެނުން މެލާނިއާ ސްޓޭޖަށް އަރާފައި ވަނީ މާސްކު ނާޅައި އެވެ. ނަމަވެސް އިދިކޮޅު ޕާޓީން އެޤައުމުގެ ރައީސްކަމަށް ވާދަކުރާ ޖޯ ބައިޑެން އާއި އޭނާގެ އަންހެނުން ތިބީ މާސްކު އަޅައިގެންނެވެ.

ބަހުސަށް ދާ މީހުން މާސްކު ނަގައިފިއްޔާ އެތަނުން ބޭރުކޮށްލަން ރިޔާސީ އިންތިހާބުގެ ބަހުސް ރާވާ އިންތިޒާމް ކުރާ ފަރާތްތަކުން ނިންމީ މީގެ ކުރިން ބޭއްވި ބަހުސުގައި ޓްރަމްޕުގެ އާއިލާގެ މީހުން މާސްކު އަޅައިގެން ގޮސް ގޮނޑީގައި އިށީނުމަށްފަހު މާސްކު ނެގުމާއި ގުޅިގެންނެވެ. އެފަހަރު ޓްރަމްޕް އާއި އޭނާގެ އާއިލާގެ ފަރާތްތައް އަދި ވައިޓް ހައުސްގެ ގިނަ މީހުން ކޮވިޑް-19 ފައްސިވެފައި ވެއެވެ.

އެމެރިކާ ހިމެނެނީ ދުނިޔޭގައި އެންމެ ހަލުވިކަމާއި އެކީ ކޮވިޑް-19 ފެތުރޭ ޤައުމުގެ ގޮތުގައި އެވެ. އެޤައުމުން މިހާތަނަށް 8.3 މިލިއަން މީހުންނަށް ބަލި ޖެހިފައިވާއިރު ދެލައްކަ ބާވީސް ހާހަށްވުރެ ގިނަ މީހުން ވަނީ ބަލި ޖެހިގެން މަރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު