ސްރީލަންކާ އިން މިއަދު ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ސްރީލަންކާ ސަރުކާރުން ދެންމެ އާއްމު ކުރި މައުލޫމާތުތައް ބުނާ ގޮތުގައި އެގައުމުން މިއަދު ވަނީ 866 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދަކީ ލަންކާ އިން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

ވެރިރަށް ކޮލަމްބޯގެ އިރުމަތީގައި އޮންނަ އަވަށެއް ކަމަށްވާ ގަމްޕަހަ އިން މިއަދު ވަނީ އިތުރު 797 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. މިމީހުންނަކީ ޕެލިޔަކޮޑާ ސަރަހައްދުގެ މަސް މާރުކޭޓުން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ގާތުން ބައްދަލުވެފައިވާ މީހުންނެވެ. މަސް މާރުކޭޓުން 49 މީހަކު ކޮވިޑް-19 އަށް ފައްސިވުމުން މީގެ ދެދުވަސް ކުރިން އެތަން ވަނީ ބަންދު ކޮށްފައެވެ.

ސްރީލަންކާ އިން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންނާއިއެކު އެގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ މިހާރު 7153 އަށް އަރާފައެވެ. އޭގެ ތެރެއިން މިހާރު ބަލިން ރަނގަޅުނުވެ ތިބީ 3495 މީހުންނެވެ.

މިއަދު ސްރީލަންކާ އިން ކޮވިޑް-19 އަށް ފައްސިވި ގިނަ މީހުންނަކީ މީގެ ކުރިން ފައްސިވެފައިވާ މީހުންނާއި ގާތުން ބައްދަލުވެފައިވާ މީހުން ކަމަށް ވާތީ އެއީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ކަމަށާއި މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ކޮންޓެކްޓްތައް ދެނެގަނެ، އަވަހަށް އެމީހުން އެކަހެރި ކުރަން ކަމަށް ސްރީލަންކާ ސަރުކާރުން ބުނެއެވެ.

ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ސްރީލަންކާގައި ކޮވިޑް-19 ކޮންޓްރޯލް ކޮށްފައި ވަނިކޮށް ހާލަތު ގޯސްވެ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރެން ފެށީ މިމަހުގެ ކުރީކޮޅުއެވެ. ފާއިތުވި ދެހަފްތާއެއްހާ ދުވަހު ކޮންމެ ދުވަހަކު ސްރީލަންކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ 100 އަށް ވުރެ މައްޗަށް ގޮސްފައެވެ.

މިހާރު ސްރީލަންކާ އިން ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން ބައެއް ސަރަހައްދުތައް ފުރަބަންދުކޮށް، ކާފިއު ވެސް ވަނީ އިއުލާން ކޮށްފައެވެ. ސްރީލަންކާ ސަރުކާރުން ބުނާ ގޮތުގައި ކޮވިޑް-19 އަށް ޓެސްޓް ކުރާ މިންވަރު އިތުރުކޮށް، އަދި ފައްސިވާ މީހުންގެ ކޮންޓެކްޓުން އަވަހަށް ދެނެގަނެ އެކަހެރި ކުރުމުގެ މަސައްކަތް ވަރަށް ރަނގަޅަށްކޮށް، ބަލި ކޮންޓްރޯލް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ.

ސްރީލަންކާ އިން ކޮވިޑް-19 ޖެހިގެން މިހާތަނަށް 14 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު