ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިއްޔެ ދުނިޔެއިން ބައިމިލިއަނާއި ގާތްކުރާ އަދަދަކަށް މީހުން ފައްސިވެއްޖެ އެވެ. މިއާއެކު އިއްޔެ ވެފައިވަނީ ދުނިޔެއިން ކޮވިޑް-19 ފެނުނު ފަހުންވެސް މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ދުވަހަށެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް ދުނިޔެއިން އިތުރު 489,000 އަށްވުރެ ގިނަ މީހުން މިބައްޔަށް ފައްސިވެފައި ވެއެވެ. މިއާއެކު ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 42.4 މިލިއަނަށް އަރައެވެ.

މީގެ ކުރިން ދުނިޔެއިން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވެފައި ވަނީ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު އެކަނިވެސް ދުނިޔެއިން ޖުމްލަ 479,476 މީހަކު ފައްސިވީ ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. އަދި ބުދަ ދުވަހުވެސް ރެކޯޑް އަދަދަކަށް މީހުންނަށް ބަލި ޖެހިފައި ވެއެވެ. އެހެންކަމުން މިއީ ޖެހިޖެހިގެން ދުނިޔެއިން ރެކޯޑް އަދަދަކަށް ފައްސި ވޭދަނަ ފެންމަތިވި ތިންވަނަ ދުވަހެވެ.

ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެފައި މިވަނީ ބައެއް ޤައުމުތަކަށް މި ބަލިމަޑުކަމުގެ ދެވަނަ ރާޅެއް އަރަމުންދާ ދަނޑިވަޅެއްގައެވެ. ސިއްޙީ މާހިރުން ވިދާޅުވާ ގޮތުން މި ބަލިމަޑުކަމުގެ ދެވަނަ ރާޅުގެ ނުރައްކާ، ފުރަތަމަ ރާޅަށްވުރެ ބޮޑުވާނެއެވެ. ޤައުމުތަކުގެ ހާލަތު ގޯސްވާން ފެށީ މި ބަލިމަޑުކަމުގެ ކުރީކޮޅު އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް އުވާލަން ފެށިތަނާހެންނެވެ.

މިހާތަނަށް ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން އެކަނިވެސް މިހާތަނަށް 8.7 މިލިއަން މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އަދި ދެވަނައަށް އެންމެގިނަ ބަޔަކު ފައްސިވި ޤައުމެއްގެ ގޮތުގައި އޮތް އިންޑިއާއިން މިހާތަނަށް 7.8 މިލިއަން މީހުންނަށް މި ބަލި ވަނީ ޖެހިފައެވެ. މީގެ އިތުރުން 5.3 މިލިއަން މީހުން ފައްސިވެ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހުނު ޤައުމެއްގެ ގޮތުގައި އޮތީ ބްރެޒިލް އެވެ.

ކޮވިޑް-19 އަށް އިއްޔެ ފައްސިވީ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވަމުން އަންނައިރު، މި ބަލީގައި މަރުވާ މީހުންގެ އަދަދަށްވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެ ވެސް ޤައުމުތަކުން 6500 އަށްވުރެ ގިނަ މީހުން މަރުވިކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއާއެކު ދުނިޔެއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1.14 މިލިއަނަށް އަރާފައެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރޭ މިންވަރަށް ކޮންމެވެސް ވަރެއްގެ ހިފެހެއްޓުމެއް އައިސްފައި ވަނިކޮށް އަނެއްކާވެސް ނުރައްކާ ބޮޑުވާން ފެށީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. މިއާއެކު ބައެއް ޤައުމުތަކުގެ ހާލަތުވަނީ ކުރިޔަށްވުރެ ގޯސްވެފައެވެ. މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ އިންޑިއާ އާއި ޔޫރަޕްގެ ޤައުމުތަކަށެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 31 މިލިއަން މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިވަގުތު ފަރުވާދެމުން ދަނީ 9.8 މިލިއަން މީހުންނަށެވެ. އޭގެތެރެއިން 76,000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަތަކުގައި މި ބަލީގައި ދުނިޔެއިން މަރުވާ މީހުންގެ އަދަދުތައް ވެސް ވަރަށް ބޮޑަށް އިތުރުވެގެން ދިއުމުގެ ނުރައްކާ އެބައޮތެވެ.

އިދާރާތަކުން ބުނާގޮތުން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި މަރުވި މީހުންގެ އަދަދު، ރެކޯޑްތަކުން ދައްކާ އަދަދުތަކަށްވުރެ ވެސް އެތައް ގުނައެއް އިތުރުވާނެއެވެ. އަދި ހީވެސް ނުކުރާ މިންވަރަށް ބައެއް ޤައުމުތަކުގައި ބަލި ފެތުރިފައި ވެދާނެ ކަމަށް އެފަރާތްތަކުން ލަފާކުރެއެވެ. އެހެންކަމުން މި ނުރައްކާތެރި ހާލަތުން އަރައިގަނެވި، ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދުތައް ހިފެހެއްޓޭނީ ބަލިމަޑުކަމަށް ވެކްސިނެއް ބޭނުންކުރަން ފެށުމުން ކަމަށް އެފަރާތްތަކުން ބުނެއެވެ.

ދުނިޔޭގެ އެތައް ޤައުމެއްގައި ކޮވިޑް-19 ގެ ވެކްސިން ތައްޔާރު ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އެބަދެއެވެ. ނަމަވެސް މަރުޙަލާތައް ފުރިހަމަވެފައިވާ ވެކްސިނެއް އަދި ނެތެވެ. ތަޖުރިބާކާރުން ވިދާޅުވާގޮތުން، ހުރިހާ މަރުޙަލާތަކަށްފަހު މި ބައްޔަށް ވެކްސިނެއް ރަސްމީ ގޮތެއްގައި ބޭނުންކުރެވެން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅުއެވެ.

ނުރައްކާތެރި ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުން މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އެ ސަރަޙައްދުން ވައިރަސް ފެނުނުތާ ގިނަ ދުވަސްތަކެއް ނުވަނީސް ވައިރަސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރިފައެވެ. އެއަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔެއަށް މި ވައިރަހުގެ ނުރައްކާ ކުރިމަތިވެ، ފަހުގެ ތާރީޚެއްގައި ވެސް ދުނިޔެއަށް ކުރިމަތިނުވާ ވަރުގެ ބޮޑު މުސީބާތަކަށް މި ބަލިމަޑުކަން ވަނީ ވެގެން ގޮސްފައެވެ.

މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ރެކޯޑްތަކުން ދައްކާ ގޮތުން މިވަގުތު ބަލި ފެތުރުމަށްފަހު ބަލީގެ ވޭދަނަ (ކޭސް) އެއް ނެތީ މީގެ ތެރެއިން އެންމެ 9 ޤައުމުގައެވެ. މީގެ ކުރިން ބައެއް ޤައުމުތަކުން ފައްސިވި އެންމެން ރަނގަޅުވެފައި ވަނިކޮށްވެސް އަލުން ބަލި ފެތުރި ކުރިޔަށްވުރެ ނުރައްކާ ބޮޑުވެފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު