އެމެރިކާ އިން ފުރަތަމަ ފަހަރަށް "މާޑަ ހޯނެޓްސް" ނުވަތަ ވިހަގަދަ ކުޅަނދުރު ހަތައެއް ފެނިއްޖެއެވެ.

މި ހަތާ ފެނިފައިވަނީ އެގައުމުގެ ހުޅަނގު އުތުރުގެ ސަރަހައްދެއް ކަމަށްވާ ބްލެއިންގައި ހުރި ގަހެއްގެ ތެރެއިން ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. ބްލެއިން އަކީ ކެނެޑާއާ ދިމާލު ބޯޑަރާ ކައިރީ އޮންނަ ކުޑަކުޑަ އަވަށެކެވެ.

ވޮޝިންޓަން ސްޓޭޓް ޑިޕާޓްމެންޓް އޮފް އެގްރިކަލްޗަަރުން ބުނެފައިވަނީ "އެންޓޯމޮލޮޖިސްޓުން" ފެނިފައިވަނީ އެންމެ ކުޅަނދުރެއް ނޫން ކަމަށާއި ގިނަ އަދަދެއްގެ ކުޅަނދުރުތައް ގަސް ކައިރިއަށް ގޮސް އުޅޭ ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކުޅަނދުރުގެ އުނދަގޫ ބޮޑުވެދާނެތީ އެ އޭޖެންސީން އަންނަނީ ކުޅަނދުރު ހަތާއެއްކޮށް ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.

"މިފަދަ ކުޅަނދުރުތަކަކީ އެމެރިކާގައި ހަލުވި ކަމާއި އެކީ އާލާވާ އެއްޗެއް ނޫން. މިއީ މާމުއި ކުޅަނދުރުތަކާ އެހެނިހެން ފަނިފަކުސާތަކަށް ނުރައްކާއެއް. މިފަދަ މަދު އަދަދެއްގެ ކުޅަނދުރުތަކަކަށް މާމުއި ކުޅަނދުރުގެ ހަތާތައް ގަޑިއިރެއްގެ ތެރޭ ހަލާކު ކޮށްލެވޭނެ" އެޖެންސީން ނެރެފައިވާ ބަޔާނުގައިވެއެވެ.

ގާތްގަނޑަކަށް ދެ އިންޗި ހުންނަ މި ކުޅަނދުރުތަކަކީ މާމުއި ކުޅަނދުރަށްވުރެ ހަތް ގުނަ ވިހަ ހުންނަ ކުޅަނދުރެކެވެ. އޭގެ ވިހަ އިންސާނުންނަށް ވެސް ނުރައްކާތެރި ކަމަށާއި ސަލާމަތީ ހެދުން އަޅައިގެން ތިބޭ މީހުންގެ ހެދުން ވެސް ފޫއަޅުވައި އޭގެ ވިހަ ދާ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

އެމެރިކާއިން އެންމެ ފުރަތަމަ މިފަދަ ކުޅަނދުރެއް ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ނަމަވެސް އޭރު އެކުޅަނދުރު އުޅޭތަން ނޭނގުމުން ވަނީ ގެއްލިފައެވެ. އެމެރިކާގެ އިތުރުން މި ކުޅަނދުރަކީ ބްރިޓިޝް ކޮލަމްބިއާގެ ކެނެޑިއަން ޕްރޮވިންސްއިންވެސް ފެނިފައިވާ ކުޅަނދުރު ތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު