ކޮވިޑް-19 ފެތުރެމުންދަ މިދަނޑިވަޅުގައި އިތިއޯޕިއާގައި މާސްކު ނާޅާނަމަ 2 އަހަރަށް ޖަލަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު އެ ގައުމުގެ ސަރުކާރުން ދީފިއެވެ.

އިތިއޯޕިއާގެ އެޓާނީ ޖެނެރަލް އޮފީހުން ބުނެފައިވަނީ އެ ގައުމުގައި މާސްކު ނާޅާ އުޅޭނަމަ ދެ އަހަރު ދުވަހަށް ޖަލަށް ވެސް ލާން ޖެހިދާނެ ކަމަށެވެ. އަދި މިހާރު ނެރެފައިވާ ހެލްތު ގައިޑްލައިންސްތަކާއި ޚިލާފުވާ މީހުން ޖޫރިމަނާކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެ ގައުމުގެ ސަރުކާރުން މިހެން ބުނެފައިވަނީ މި އަހަރުގެ އޭޕްރީލް މަހު ފުރަބަންދު ކުރުމަށްފަހު ސެޕްޓެމްބަރ މަހު ފުރަބަންދު އުވާލުމާއި ގުޅިގެން ބައެއް މީހުން ބޭރުތެރޭގައި އުޅޭއިރު ފަރުވާ ކުޑަކުރުމުން ދާތީއެވެ.

އެ ގައުމުގައިސެޕްޓެމްބަރ މަހު ފުރަބަންދު ނަގާފައިވީ ނަމަވެސް ސަލާމް ކުރުމާއި، މާަސްކު ނާޅާ އުޅުމާއި، ތިން މީހުންނަށްވުރެ ގިނައިން މޭޒެއްގެ ދޮށުގައި ނުތިބުމަށާއި، ހަ ފޫޓުގެ ދުރުމިނެއް ބެހެއްޓުމަށް ވަނީ އިރުޝާަދު ދެވިފައެވެ.

ހެލްތް މިނިސްޓަރ ލިއާ ވިދާޅުވެފައި ވަނީ މިހާރު އެގައުމުގައި ވައިރަސްގެ އަސަރު ކުޑަވުމުގެ ސަބަބުން މީހުން ފަރުވާ ކުޑަ ކުރާ ކަމަށެވެ. މިކަމުގެ ސަބަބުން ވައިރަސްއަށް ފައްސިވާ މީހުންގެ އަދަދު ގިނަވެ ގައުމު ނުރައްކަލަކަށް ވެއްޓިދާަނެ ކަމުގެ ބިރު އޮތްކަމަށެވެ.

އިތިއޯޕިއާގައި މިހާތަނަށް 91،118 ވޭދަނައެއް ރިކޯޑު ކުރެވިފައިވެއެވެ. މިހާތަނަށް މިބަލީގައި 1،384 މީހުން މަރުވެފައިވާއިރު ބަލިން ސަލާމަތްވެފައިވަނީ 44،506 މީހުންނެވެ.

މި އަހަރުގެ އޯގަސްޓް މަހާއި ހަމައަށް ގިނަ އަދަދަކަށް މީހުން އެ ގައުމުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. ނަމަވެސް މިހާރު ފައްސިވާ މީހުންގެ އަދަދު މަދުވަނީ ޓެސްޓް ކުރެވޭ މިންވަރު މަދުކަމުން ކަމަށް ވެދާނެކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. ޓެސްޓް ކުރެވޭ މިންވަރު މަދު ކުރެވިފައިވަނީ އެކަމަށް ބޭނުންވާ އާލާތްތައް ލިބުމުގެ ދަތިކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު