ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން އިތުރު 463 މީހަކު މަރުވެއްޖެ އެވެ. މިއީ މިއަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ފަހުން އިންޑިއާއިން އެންމެ މަދު ބަޔަކު މަރުވިކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

އިންޑިއާއިން އިއްޔެވެސް ކޮވިޑް-19 ޖެހިގެން ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 119,030 އަށް އަރާފައެވެ. މީގެ ކުރިޔާއި އަޅާބަލާއިރު އިންޑިއާއިން އިއްޔެ މަރުވި މީހުންގެ އަދަދު މަދުވިނަމަވެސް އެޤައުމަށް ބަލިމަޑުކަމުގެ ނުރައްކާ ކުޑައެއް ނުވެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 45,157 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއާއެކު އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7.9 މިލިއަނަށް އަރާފައެވެ.

އިންޑިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް-19 ފެތުރެމުން އަންނައިރު، އެޤައުމަކީ ދުނިޔެއިން ދެވަނަ އަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ކޮވިޑް-19 ފެތުރޭ މިންވަރަށް ބަލާއިރު މިވަގުތު ދުނިޔޭގައި އެންމެ ހާލު ގޯސްވެފާ ޤައުމަކީ އިންޑިއާއެވެ. އެޤައުމުގައި މި ބަލިމަޑުކަމުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު، އެޤައުމަށް ކޮވިޑް-19 ގެ "ޕީކް" އަންނާނީ ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް ސިއްޙީ ތަޖުރިބާކާރުން ކުރިން ވިދާޅުވެފައި ވެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 7 މިލިއަން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެޤައުމުގައި މިވަގުތު މި ބައްޔަށް ފަރުވާދެމުން ދަނީ 656,026 މީހަކަށެވެ. އޭގެތެރެއިން 8000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުކުރެވޭ ވަރަށް ފެތުރެނީ މިދިޔަ މޭއި މަހުން ފެށިގެންނެވެ.