އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާ ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ފިކުރަށް ތާއިދުކުރާ އެމީ ކޮނޭ ބެރެތު އެމެރިކާގެ ސުޕްރީމް ކޯޓަށް އައްޔަން ކޮށްފިއެވެ. އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރީ އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަކަމަށް ސެނެޓުން ފާސް ކުރުމުންނެވެ.

އެމީ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރިޕަބްލިކަން ޕާޓީގެ 52 މެންބަރުން ވޯޓް ދިނެވެ. އޭނާ އާއި ދެކޮޅަށް ވޯޓް ދިނީ ޑިމޮކްރަޓިކް ޕާޓީގެ 48 މެންބަރުންނެވެ.

އެމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ރުތު ބެޑާ ގިންސްބާގް އަވަހާރަވުމުންނެވެ. އެމީ އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވުމުން އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެމަގާމަށް އައްޔަން ކުރި ބޭފުޅާއެވެ. އޭނާ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ މަސައްކަތް ޓްރަމްޕް އާއި ރިޕަބްލިކަން ޕާޓީން އަވަސް އަރުވާލައިގެން ކުރީ އަންނަ ހަފްތާގައި އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރުމުގެ ކަންކަން ނިންމުމަށްޓަކައެވެ.

އެމީ އަކީ އެއްޖިންސުން ގުޅުން ހިންގުމާއި، މާބަނޑު މީހުން ދަރިންވައްޓާލުން ފަދަ ކަންކަމާއި ދެކޮޅު ފަނޑިޔާރެކެވެ. ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީ އަކީ ވެސް އެފަދަ ކަންކަމާއި ދެކޮޅު ޕާޓީއެކެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދަރިން ވެއްޓުން މަނާކުރަން ކުރިއަށް އޮތްތަނުގައި އެމެރިކާގައި ސުޕްރީމް ކޯޓުގެ ޙުކުމެއް އައުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ސަބަބަކީ މިހާރު އެމެރިކާގެ ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތު އޮތީ ކޮންޒަވޭޓިވް ފިކުރުގެ ފަނޑިޔާރުންނަށް ކަމަށް ވާތީއެވެ.

އެމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން މިކުރީ ރިޔާސީ އިންތިޚާބުގެ ކުރިން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ނުކުރަން އިދިކޮޅު ޑިމޮކްރަޓިކް ޕާޓީން ގޮވާލަމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު