ސައުދީ އަރަބިއްޔާގައި، ކޮވިޑް-19 އާއި ގުޅިގެން އިސް ސަފުގައި ހަރަކާތްތެރިވަނިކޮށް މި ބަލީގައި ނިޔާވާ ޚިދުމަތްތެރިންގެ އާއިލާތަކަށް އެޤައުމުގެ ބައި މިލިއަން ރިއާލް (2 މިލިއަން ރުފިޔާ) ދޭން ސައުދީގެ ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށް ސައުދީ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެޤައުމުގައި މަސައްކަތްކުރާ އެހެން ޤައުމުތަކުގެ އޮފިޝަލުން ހިމެނޭހެން ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ހަރަކާތްތެރިވާ ހުރިހާ ސިއްޙީ ޚިދުމަތްތެރިންގެ އާއިލާތަކަށް ވެސް މި އިނާޔަތް ލިބޭނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އެޤައުމުން ކޮވިޑް-19 ފެނުނު ފަހުން މިހާތަނަށް ކޮވިޑް-19 ޖެހިގެން ނިޔާވެފައިވާ އިސް ސަފުގެ ޚިދުމަތްތެރިންގެ އާއިލާތަކަށްވެސް ފައިސާ ޙަވާލުކުރާނެ ކަމަށެވެ. މީގެ ތެރޭގައި ސަރުކާރުގެ ސިއްޙީ އިދާރާތަކުގައި އާއި ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ ޚިދުމަތްތެރިންނާއި، ކޮވިޑް-19 އާއި ގުޅިގެން ހަރަކާތްތެރިވާ ސިފައިން ވެސް ހިމެނޭނެއެވެ.

ސައުދީ އަރަބިއްޔާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ދިހަ ވަނަ ދުވަހުއެވެ. އެއަށްފަހު އެޤައުމުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ކުރީ ސަފުގެ ޚިދުމަތްތެރިން މި ބަލީގައި ނިޔާވެފައި ވެއެވެ. ނަމަވެސް ރަސްމީ އިދާރާއަކުން މި އަދަދުތަކުގެ އަދާހަމަ އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެގެން ދިޔަ ޤައުމުތަކުގެ ތެރޭގައި ސައުދީވެސް ހިމެނިފައި ވާއިރު، ފަހަކަށް އައިސް އެޤައުމުގައި ބަލި ފެތުރޭ މިންވަރު، މީގެ ކުރިޔާއި އަޅާބަލާއިރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ކޮވިޑް-19 ގެ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެޤައުމުން މިހާތަނަށް ޖުމްލަ 345,631 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އޭގެތެރެއިން 5,329 މީހަކު ވަނީ މަރުވެފައެވެ. މިވަގުތު ސައުދީގައި މި ބައްޔަށް ފަރުވާދެމުން ދަނީ 8000 ވަރަކަށް މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު