24 ގަޑިއިރުގެ ތެރޭގައި ދުނިޔެ އިން ބައި މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. "ވޯލްޑް މީޓާ" އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ދުނިޔެ އިން 504،419 (ފަސްލައްކަ ހަތަރުހާސް ހަތަރުސަތޭކަ ނަވާރަ) މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އިއްޔެ އަކީ މިހާތަނަށް އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. އިއްޔެ ވެސް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ޔޫރަޕުންނެވެ. ޔޫރަޕުން އިއްޔެ 245,787 (ދެލައްކަ ސާޅީސް ފަސްހާސް ހަތްސަތޭކަ އަށްޑިހަ ހަތެއް) މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ.

އުތުރު އެމެރިކާ އިން އިއްޔެ 94,658 (ނުވަދިހަ ހަތަރުހާސް ހަސަތޭކަ ފަންސާސް އަށެއް) މީހުން ކޮވިޑް-19 އަށް ފައްސިވިއިރު އޭޝިއާ އިން 92,954 (ނުވަދިހަ ދެހާސް ނުވަސަތޭކަ ފަންސާސް ހަތަރެއް) މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ.

ދެކުނު އެމެރިކާ އިން 58,116 (ފަންސާސް އަށްހާސް އެއްސަތޭކަ ސޯޅަ) މީހުން އިއްޔެ ކޮވިޑް-19 އަށް ފައްސިވިއިރު އެފްރިކާ އިން އިއްޔެ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 12,056 (ބާރަހާސް ފަންސާސް ހައެއް) މީހުންނެވެ. އޯޝާނިއާ އިން އިއްޔެ 848 (އަށްސަތޭކަ ސާޅީސް އަށެއް) މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ.

ކޮވިޑް-19 ޖެހިގެން އިއްޔެ ދުނިޔެ އިން 7,104 (ހަތްހާސް އެއްސަތޭކަ ހަތަރެއް) މީހުން ވަނީ މަރުވެފައެވެ. އަންގާރަ ދުވަހު 7041 (ހަތްހާސް ސާޅީސް އެކެއް) މީހުން ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއި އެކު ޔޫރަޕްގެ ގައުމުތަކުގައި މިހާރު ދަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެންމެ ބޮޑަށް ހާލަތު ގޯސްވަމުންދާ ފްރާންސް ފުރަބަންދު ކުރަން މިހާރު ވަނީ ނިންމާފައެވެ. ޖަރުމަންވިލާތުން ވެސް ވަނީ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައެވެ. އިނގިރޭސިވިލާތުން ވެސް ވަނީ ފިޔަވަޅުތައް ހަރުކަށިކޮށް އަދި މުޅި ގައުމު ފުރަބަންދު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު