ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެމެރިކާއިން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު 10 މިލިއަނަށް އަރައިފިއެވެ.

އެޤައުމުން ކޮވިޑް ޖެހުނު މީހުންގެ އަދަދު 10 މިލިއަނަށް އަރާފައި މިވަނީ، އިއްޔެވެސް އިތުރު އެތައް ހާސް ބަޔަކު އަލަށް ފައްސިވުމާއި ގުޅިގެންނެވެ. އެޤައުމުން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު 9 މިލިއަނުން 10 މިލިއަނަށް އަރާފައި ވަނީ ފާއިތުވެދިޔަ ދިހަ ވަރަކަށް ދުވަސް ތެރޭފައެވެ. މިއީ މީގެ ކުރިޔާއި އަޅާބަލާއިރު ބަލި ފެތުރުން އިތުރު މިންވަރެކެވެ.

އިދާރާތަކުން ނެރެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ހުކުރު ދުވަހު އެކަނިވެސް 119,219 މީހުން ހިމެނޭހެން އެމެރިކާއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 10,007,690 އަށް އަރާފައެވެ. މިދިޔަ ހުކުރު ދުވަހަކީ މިހާތަނަށް އެމެރިކާއިން އެންމެ ގިނަ ބަޔަކު ފައްސިވީ ދުވަހެވެ. އަދި އެއީ ދުނިޔޭގެ ޤައުމަކުން މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވީ ކަމަށް ރެކޯޑް ކުރެވުނު ފަހަރުވެސް މެއެވެ.

އެމެރިކާއިން އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޓެކްސަސް، ކެލިފޯނިއާ، ފްލޮރިޑާ، ނިއުޔޯކު، އިލިނޮއިސް އަދި ޖޯޖިއާ ހިމެނެއެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ފައްސިވީ ޓެކްސަސް އިން މިހާތަނަށް ބަލީގެ 997,916 ވޭދަނަ ފެންމަތިވެފައި ވެއެވެ.

ކޮވިޑް-19 ގެ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ލައްކައަކަށްވުރެ ގިނަ މީހުން ފައްސިވެފައިވާ އެމެރިކާގެ 32 ސްޓޭޓެއް އެބަ އޮތެވެ. އެޤައުމުން އެންމެ މަދުން މި ބަލީގެ ވޭދަނަތައް ފެންމަތިވި ސްޓޭޓުން 2300 އަށްވުރެ ގިނަ މީހުން، އަދި ދެވަނައަށް އެންމެ ގިނަ ވޭދަނަ ފެންމަތިވި ސްޓޭޓުން 7400 އަށްވުރެ ގިނަ މީހުން ފައްސިވެފައި ވެއެވެ.

ހިފެހެއްޓުމެއް ނެތި ކޮވިޑް-19 ގެ ވޭދަނަތައް އެމެރިކާގައި އިތުރުވަމުން އަންނައިރު، މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އެޤައުމުގައި އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެވެސް އިތުރު އެތައް ސަތޭކަ ބަޔަކު ހިމެނޭހެން މިހާތަނަށް އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 241,780 އަށް އަރާފައެވެ.

ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި އެމެރިކާއަކީ، ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. މިގޮތުން މިވަގުތު އެޤައުމުގައި 18,100 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެމެރިކާއިން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމުގެ ނުރައްކާވެސް ވަނީ ބޮޑުވެފައެވެ.

އެމެރިކާއިން މިހާތަނަށް ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ 6.3 މީހެކެވެ. އެޤައުމުގައި މިވަގުތު މި ބައްޔަށް ފަރުވާދެމުން ދަނީ ޖުމްލަ 3.3 މީހަކަށެވެ.

331 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެމެރިކާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެޤައުމު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 216 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ފެނިފައި ވެއެވެ. ދުނިޔެއިން މިހާތަނަށް މި ބައްޔަށް 49 މިލިއަން މީހަކު ފައްސިވެ، އޭގެތެރެއިން މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.