އެމެރިކާގެ ރިޔާސީ އިންތިޙާބުގެ ވޯޓު ގުނުން ކުރިއަށް ދާއިރު، ދެވަނަ ދައުރަކަށް ކުރިމަތިލާފައިވާ ޑޮނަލްޑް ޓްރަމްޕް ދަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދަމުންނެވެ. ކޮންމެ ދުވަހަކުވެސް ނިދައި ހޭލުމަށް ފަހު ޓްރަމްޕް އެތައް ޓްވީޓެއް އެކަމާއި ގުޅޭގޮތުން ކުރެއެވެ.

މިއަދު ނިދިން ހޭލައި ޓްރަމްޕް ކުރި އެންމެ ފުރަތަމަ ޓްވީޓުގައި ބުނެފައި ވަނީ މިއަދު އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ބޮޑު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެކަމަށެވެ. މި ޓްވީޓު ޓްރަމްޕް ކުރީ 3 ފަހަރު މަތިން އެ ޓްވީޓު ޑިލިޓް ކުރުމަށް ފަހުގައި ތަފާތު ބަދަލުތައް އެ ޓްވީޓަށް ގެނައުމަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ.

ވޯޓު ގުނަން ފެށި ދުވަހުގެ މާ ކުރިންވެސް ޓްރަމްޕް ވަނީ އޭނާ ބަލިވެއްޖެނަމަ އިންތިހާބު ގަބޫލު ނުކުރާނެކަން ހާމަކޮށްފައެވެ. ވޯޓު ގުނަން ފެށި ދުވަހު ޓަރަމްޕަށް ކުރި ލިބިފައި އޮތް ބޮޑެތި ސްޓޭޓުތަކުން ބައިޑެންގެ ވޯޓުތައް އިތުރުވާން ފެށުމުން ޓްރަމްޕުގެ ސަޕޯޓަރުން ވަނީ ހަތިޔާރުތައް ހިފައިގެން ވޯޓު މަރުކަޒުތައް ކައިރިއަށް އެއްވެފައެވެ.

މިކަމާއި ގުޅިގެން މަރުކަޒުތައް ބަންދުކޮށް، ކުޑަދޮރުތައް އެތެރެ ނުފެންނަ ގޮތަށް ހެދުމުން ޓްރަމްޕް ބުނެފައި ވަނީ ފަރުދާގެ ފަހަތުގައި ބޮޑެތި އޮޅުވާލުންތަކެއް ހިނގައިފި ކަމަށާއި، އޭނާ އަށް ކުރިން ކާމިޔާބުވެފައި ހުރި ސްޓޭޓްތަކުން މިހާރު ކުރީގައި އޮތީ ބައިޑެން ކަމަށެވެ.

ޓްރަމްޕް މީގެ ކުރިން ބުނެފައި ވަނީ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ބަދަލުވަމުން ދިޔަ ނަމަވެސް އޭނާ ހުރީ ގޮތްދޫކުރާ ގޮތަށް ނޫން ކަމަށެވެ. ޓްރަމްޕް ވޯޓު އޮޅުވާލާކަމަށް ދައުވާ ކުރަމުން ގެންދިޔަ ނަމަވެސް އެކަމަށް އެއްވެސް ހެއްކެތް ނެތެވެ. އަދި ޓްވިޓާ އިން ގެންދަނީ އޭނާ އެފަދައިން ކުރާ ޓްވީޓުތަކަކީ ހަގީގަތް އޮޅޭ ފަދަ ގޮތަށް ކޮށްފައިވާ ޓްވީޓުތަކެއް ގޮތުގައި ފާހަގަވެސް ކުރަމުންނެވެ.