ކޮވިޑް-19 އަށް ޚާއްސަކޮށްގެން އެމެރިކާގެ ބަޔޯޓެކްނޮލޮޖީ ކުންފުނި، މޮޑާނާއިން އުފައްދާ ވެކްސިން ގާތްގަނޑަކަށް 95 އިންސައްތަ ކާމިޔާބު ކަމަށް އެ ކުންފުނީގެ ޑާޓާތަކުން ދައްކައިފިއެވެ.

މޮޑާނާގެ ވެކްސިން ގާތްގަނޑަކަށް 95 އިންސައްތަ ކާމިޔާބުވުމާއި ގުޅިގެން އެ ކުންފުނީގެ ވެކްސިން ވެގެން ގޮސްފައިވަނީ ދެވަނައަށް އެންމެ ކާމިޔާބު ވެކްސިންގެ ގޮތުގައެވެ. މީގެ ދުވަސްކޮޅެއް ކުރިން ޕފިޒާގެ ވެކްސިންވެސް 90 އިންސައްތަ ކާމިޔާބު ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މޮޑާނާގެ ވެކްސިން ކާމިޔާބު ކަމަށް ދެއްކުމާއި އެކު އެކުންފުނިން ކުރިއަށް އޮތްތަނުގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އެދޭނެއެވެ. މިގޮތަށް ހުއްދައަށް އެދޭނީ މިމަހުގެ ފަހުކޮޅު އިތުރަށް ވެކްސިން ކާމިޔާބު ކަމުގެ ނިޝާންތަކެއް ލިބުމުންނެވެ.

މޮޑާނާގެ މި އުފާވެރި ހަބަރާއެކު އެކުންފުނީގެ ހިއްސާގެ އަގުތައް ވަނީ، އެމެރިކާގެ ބާޒާރުތަކުގައި 9 ޕަސެންޓް އުފުލިފައެވެ.

މޮޑާނާއިން ބުނެފައިވަނީ ވެކްސިން ކާމިޔާބު ކަމަށް ދައްކާފައިވަނީ ތަހުލީލުތަކަށް ހޯދާފައިވާ 95 ބަލި މީހުންނަށް ބަލާފައި ކަމަށެވެ. އެގޮތުން އެ 95 މީހުންނަކީވެސް ކޮވިޑް-19 ޖެހިފައިވާ މީހުންނެވެ. އޭގެ ތެރޭގައި 65 އަހަރުން މަތީގެ މީހުންވެސް ހިމެނެއެވެ.

މޮޑާނާއާއި ފައިޒާގެ އިންގިލާބީ ވެކްސިނާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން، އެތައް މިލިއަން ފުރާނައެއް ސަލާމަތް ކުރުމުގެ އުއްމީދު މިވަނީ އަނެއްކާވެސް އާވެފައެވެ.

2018 ވަނަ އަހަރު މީހުންގެ ތެރެއަށް މަޝްހޫރުވެފައިވާ މޮޑާނާއަށް ވަނީ ދިރާސާ ކުރުމުގެ ގޮތުން 1 ބިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިފައެވެ. އަދި މިހާރު އެ ކުންފުންނަށް ވަނީ 100 މިލިއަން ވެކްސިން ޑޯޒު ހޯދުމަށް 1.5 ބިލިއަން ޑޮލަރުގެ ޑީލެއްވެސް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު