އިޓަލީވިލާތުން މިއަދު ކޮވިޑް-19 ޖެހިގެން އިތުރު 504 މީހަކު މަރުވެއްޖެއެވެ.

އިޓަލީވިލާތުން މިއަދު ވަނީ އިތުރު 27,354 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އެގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 1.2 މިލިއަނަށް އަރައެވެ. އޭގެތެރެއިން 45,733 މީހަކު ވަނީ މިހާތަނަށް މަރުވެފައެވެ.

އިޓަލީވިލާތަކީ އެންމެ ފުރަތަމަ ކޮވިޑް-19 ހާލަތު އެންމެ ބޮޑަށް ގޯސްވި އެއްގައުމެވެ. މާޗް މަހުން ފެށިގެން އެގައުމުގެ ހާލަތު ގޯސްވަމުން ގޮސް އޭޕްރީލް މަހު ވަނީ ބައެއް ދުވަސް ދުވަހު 700 އަށް ވުރެ ގިނަ މީހުން ވެސް މަރުވެފައެވެ. އިޓަލީވިލާތުން އޭރު ގިނަ ބަޔަކު މަރުވަމުން ދިޔައީ ހޮސްޕިޓަލްތައް ފުރި ބައެއް މީހުން މަރުވާން ދޫކޮށްލަން ޖެހުމުންނެވެ.

އޭޕްރީލް މަހު އިޓަލީވިލާތުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އެގައުމު ފުރަބަންދު ކުރިއެވެ. ފުރަބަންދު ކުރުމުން އިޓަލީވިލާތުގެ ހާލަތު ރަނގަޅު ވުމުން ފިޔަވަޅުތަކަށް އެގައުމުން ވެސް ލުއި ދިނެވެ. ފިޔަވަޅުތަކަށް ލުއިތައް ދިނުމާއިއެކު ހާލަތު ގޯސްވެ އޮކްޓޯބަރ މަހުން ފެށިގެން ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ.

އިޓަލީވިލާތުގައި މިހާރު ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރަން އަނެއްކާވެސް ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން ބައެއް ސަރަހައްދުތައް މިހާރު ވަނީ އަނެއްކާވެސް ފުރަބަންދު ކޮށްފައެވެ.