ކޮވިޑް-19 މިހާރު ޖެހިފައި ތިބި މީހުންގެ ތެރެއިން އެއްލައްކައަށް ވުރެ ގިނަ މީހުން ހާލު ސީރިއަސް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ ކޮވިޑް-19 ފެތުރެން ފެށިތާ އަހަރެއް ވާން ކައިރިވެފައި ވާއިރު ހާލު ސީރިއަސް މީހުންގެ އަދަދު މިހައި މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

"ވޯލްޑް މީޓާސް" އިން ލިބެން ހުރި މައުލޫމާތައް ބަލާއިރު މިހާރު ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ ތެރެއިން 100,029 މީހުންގެ ހާލު ސީރިއަސްއެވެ. ހާލު ސީރިއަސް މީހުން އެންމެ ގިނަ ގައުމަކީ އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ އެމެރިކާ އެވެ. ހަމައެކަނި އެމެރިކާގައި 21,202 މީހުންގެ ހާލު ސީރިއަސްއެވެ.

އިންޑިއާގައި ހާލު ސީރިއަސް 8,944 މީހުން އެބަތިއްބެވެ. ބްރެޒިލްގައި ހާލު ސީރިއަސް 8,318 މީހުން އެބަތިއްބެވެ. ހަތް ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ އީރާންގައި 5,691 މީހެއްގެ ހާލު ސީރިއަސްއެވެ. ހަތަރު ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ފްރާންސްގައި ވެސް ހާލު ސީރިއަސް 4,919 މީހުން އެބަތިއްބެވެ.

މިހާތަނަށް މުޅި ދުނިޔެ އިން 55.6 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު 1.3 މިލިއަން މީހުން ވަނީ މިބަލީގައި މަރުވެފައެވެ. މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 38.7 މިލިއަން މީހުންނެވެ. 15.4 މިލިއަން މީހުން މިހާރު ވެސް ކޮވިޑް-19 ޖެހިފައި އެބަތިއްބެވެ.

ކޮވިޑް-19 އަށް މިހާރު ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ ހުޅަނގުގެ ގިނަ ގައުމުތައް އޮތީ އަނެއްކާވެސް ނުރައްކާތެރި ފައްތަރެއްގައެވެ. ބައެއް ގައުމުތަކުގެ ހޮސްޕިޓަލްތައް ފުރިގެން ބަލި މީހުންނަށް ފަރުވާ ނުދެވޭ ހިސާބަށް ކަންތައްތައް ހިނގައިދާނެ ކަމުގެ ބިރު ވަނީ ވަރަށް ބޮޑު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު