ރަޝިއާއިން ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަަށް ފައްސިވެ، މި ބަލީގައި އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

ދުނިޔޭގެ 218 ގައުމަކާއި، ސަރަހައްދަކަށް ފެތުރިފައިވާ ކޮވިޑް-19 އަށް ރަޝިއާއިން އިތުރު 25,487 މީހަކު ވަނީ ފައްސިވެފައެެވެ. ފާއިތުވެ ދިޔަ ތިން ހަފްތާ ތެރޭގައި އެ ގައުމުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް އުޅެނީ 20،000 އިން މަތީގައެވެ.

އެ ގައުމަކީ ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވި ގައުމެވެ.

ރަޝިއާއިން ފާއުތުވި 24 ގަޑިއިރު ތެރޭގައި އިތުރު 524 މީހަކު ވަނީ ކޮވިޑް-19 ބަލީގައި މަރުވެފައެވެ. މިއީ އެ ގައުމުގައި މި ބަލީގައި 24 ގަޑިއިރުތެރޭ އެންމެ ގިނަ ބަޔަކު މަރުވި ފަހަރުވެސް މެއެވެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 38,062 އަށް އަރާފައެވެ.

އެ ގައުމުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 2,187,990 އަށް އަރާފައެވެ.

ރަޝިއާގައި ކޮވިޑް-19ގެ ހާލަތު ދަނީ ގޯހުން ގޯހަށެވެ. ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު އެ ބައްޔަށް ފައްސިވަމުންދާއިރު، ދުނިޔޭގެ ބައެއް ގައުމުތަކުގައި ބަލި ކޮންމެވެސް ވަރަކަށް ވަނީ ކޮންޓްރޯލް ކޮށްފައެެވެ.

އަދި ރަޝިއާއިން ދަނީ މި ބަލިން ސަލާމަތް ވުމަށް ވެކްސިންއެއް އުފައްދައި އޭގެ ޓެސްޓު މަރުހަލާތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު