އަވައްޓެރި ސްރީލަންކާގެ ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ އެއް ޖަލު ކަމަށްވާ މަހާރަ ޕްރިޒަންގައި އިއްޔެ ހަވީރުން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތަކެއްގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ހައަކަށް އަރައިފިއެވެ.

މަހާރަ ޕްރިޒަން އަކީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ހުޅަނގު ޕްރޮވިންސްގައި ހުންނަ ޖަލެކެވެ. މިއީ އާއްމުން ދިވެހިން ދިރިއުޅޭ ސަރަހައްދެއް ނޫނެވެ.

ލަންކާގެ މީޑިއާތަކަށް އެގައުމުގެ ފުލުހުން ދެންމެ މައުލޫމާތު ދިން ގޮތުގައި މިހާތަނަށް ހަމީހަކު މަރުވި 35 މީހަކު ވަނީ ހަމަނުޖެހުންތަކުގެ ސަބަބުން ޒަހަމް ވެފައެވެ. ޒަހަމްވި މީހުންގެ ތެރޭގައި ޖަލު ބަލަހައްޓާ ގާޑުން ވެސް ހިމެނެއެވެ. އޭގެ ތެރެއިން ދެގާޑެއްގެ ހާލު ސީރިއަސް އެވެ.

ފުލުހުން ބުނާ ގޮތުގައި އަދިވެސް ހަމަނުޖެހުންތައް އެއްކޮށް ކޮންޓްރޯލެއް ނުކުރެވެއެވެ.

ލަންކާގެ ޓީވީ ޗެނަލްއެއް ކަމަށްވާ "ހިރޫ" އިން ބުނީ ގައިދީންތަކެއް މަރުވެފައި ވަނީ ގައިދީން ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރަން ޖަލުގެ ގާޑުން ބަޑި ޖެހުމުންނެވެ.

ޖަލުގައި ހަމަނުޖެހުންތައް ފެށުނު އަސްލު ސަބަބެއް އަދި ލަންކާގެ ރަސްމީ ފަރާތްތަކުން ހާމައެއް ނުކުރެއެވެ.

މަހާރަ ޕްރިޒަންގައި މިހާރު ވަނީ ވަރަށް ބޮޑަށް ކޮވިޑް-19 ވެސް ފެތުރިފައެވެ. އިއްޔެ ވެސް އެޖަލުން 183 ގައިދީއަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މަހާރަ ޕްރިޒަން އަކީ އިނގިރޭސީން ސްރީލަންކާ ހިފައިގެން ތިބި ދުވަސްވަރު 1875 ވަނަ އަހަރު ހުޅުވި ޖަލެކެވެ.

2012 ވަނަ އަހަރު ސްރީލަންކާގެ ވެލިކަޑަ ޕްރިޒަންގައި ވެސް ބޮޑު ހަމަނުޖެހުމެއް ހިނގިއެވެ. ޖަލު ބަލަހައްޓަން ތިބި ސިފައިންގެ ހަތިޔާރުތަކެއް ގައިދީން އަތުލައި ބައެއް ސިފައިން ރަހީނު ކުރުމުން ހިނގި ހަމަނުޖެހުންތަކުގައި 27 ގައިދީއަކު އެފަހަރު މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު