އެމެރިކާގައި ކޮވިޑް-19 ވެކްސިން ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާއިރު އެންމެ ފުރަތަމަ ވެކްސިން ދޭނެ ފަރާތްތައް އެމެރިކާގެ ސީޑީސީ އިން މިއަދު ކަނޑައަޅައިފިއެވެ.

ސީޑީސީގެ ބޯޑު ބައްދަލުވުމަކުން މިއަދު ނިންމާފައި ވަނީ އެމެރިކާގައި އެންމެ ފުރަތަމަ ކޮވިޑް-19 ވެކްސިން ދޭނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށެވެ.

ވެކްސިން އެންމެ ފުރަތަމަ ދޭނެ ފަރާތްތައް ސީޑީސީ އިން ނިންމީ ސީޑީސީއަށް ލަފާދޭ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ އެޑްވައިޒަރީ ކޮމެޓީ އޮން އިމިއުނިޒޭޝަން ޕްރެކްޓިސަސް ކޮމެޓީން ދިން ލަފައަށް ބެލުމަށް ފަހުއެވެ. ސީޑީސީ އިން މިހާރު ވަނީ ކުރިއަށް އޮތް ދެހަފްތާ ދުވަހުގެ ތެރޭގައި އެމެރިކާގެ ހުރިހާ ސްޓޭޓަކުން ވެސް ސިއްހީ ދާއިރާގެ މުވައްޒަފުންނާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުގެ މުވައްޒަފުން ވެކްސިން ދިނުމަށް ތައްޔާރުވުމަށް އިލްތިމާސް ކޮށްފައެވެ.

އެމެރިކާގައި ސިއްހީ ޚިދުމަތްތެރިންގެ ގޮތުގައި 21 މިލިއަން މުވައްޒަފުން އެބަތިއްބެވެ. އަދި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މުވައްޒަފުންގެ ގޮތުގައި ތިން މިލިއަން މުވައްޒަފުން އެބަތިއްބެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރު އެމެރިކާ އަށް ލިބޭނީ ހަތަރު ވަރަކަށް މިލިއަން ވެކްސިންއެވެ. އެހެންކަމުން މިއަހަރު ނިމޭއިރު ހަމައެކަނި ސިއްހީ އެހީތެރިންނާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުގެ މުވައްޒަފުންނަށް ވެސް ވެކްސިން ދީނުނިމޭނެއެވެ.

އެމެރިކާ އާއި މޮޑާނާ އާއި ފައިޒާ އިން މިހާރު ވަނީ އެދެކުންފުނިން އުފެއްދި ކޮވިޑް-19 ވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދައަށް އެދި އެމެރިކާގެ އެފްޑީއޭ އަށް ހުށަހަޅާފައެވެ. މޮޑާނާ އިން އުއްމީދު ކުރަނީ ޑިސެމްބަރ މަހުގެ 17 ވަނަ ދުވަހު އޮންނަ އެފްޑީއޭ ވެކްސިންސް އެންޑް ރިލޭޓެޑް ބައެލޮޖިކަލް ޕްރޮޑަކްޓްސް އެޑްވައިޒަރީ ކޮމެޓީގެ ބައްދަލުވުމުގައި މޮޑާނާގެ ވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ. ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު އޮންނަ އެފްޑީއޭގެ ބައްދަލު ވުމުގައި ފައިޒާގެ ވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދޭނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު