ޗައިނާ އިން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއަށާއި އޭނާގެ އާއިލާއަށް ކޮވިޑް-19 ވެކްސިން ދީފި ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެފިއެވެ.

ޗައިނާ އިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން އާއްމުކޮށް މީހުންނަށް ދިނުމުގެ ހުއްދަ އަދި މިހާތަނަށް ދީފައެއް ނުވެއެވެ. ނަމަވެސް ތަހްލީލް ކުރުމަށާއި ކުއްލި ހާލަތުގައި ކޮންމެހެން ވެކްސިން ދޭން ޖެހިގެން މިހާރު މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ޗައިނާ އިން ވަނީ ކޮވިޑް-19 ވެކްސިން ދީފައެވެ.

ކިމް ޖޮން އުން އާއި އޭނާގެ އާއިލާ އަށް ޗައިނާ އިން ކޮވިޑް-19 ވެކްސިން ދީފައިވާ ކަމަށް މިއަދު ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވަނީ ޖަޕާންގެ އިންޓެލިޖެންސް އޮފިސަރަކާއި ހަވާލާދީ އެމެރިކާގެ ތިންކް ޓޭންކަކުން ހާމަކުރި މައުލޫމާތައް ބިނާކޮށެވެ.

ޗައިނާ އިން މިހާތަނަށް ހަތަރު ވެކްސިނެއް ވަނީ ކޮވިޑް-19 އަށް އުފައްދާފައެވެ. އެހަތަރު ވެކްސިނަކީ ވެސް ކޮވިޑް-19 އިން ރައްކާތެރި ކޮށްދޭނެ އަދި ވެކްސިން ދިނުމުން ސިއްހީ އިތުރު މައްސަލަތަކެއް ކުރިމަތި ނުވާނެ ވެކްސިންތަކެއް ކަމަށް ތަހްލީލްތަކުން ވަނީ ދައްކާފައެވެ. މީގެ ތެރެއިން ކިމް ޖޮން އުންއަށް ދިނީ ކޮން ވެކްސިނެއް ކަމެއް އަދި ނޭނގެއެވެ.

ކިމް ޖޮން އުންއަށް ޗައިނާ އިން ކޮވިޑް-19 ވެކްސިން ދިން ޚަބަރާއި ގުޅިގެން ޗައިނާ އިންނާއި އުތުރު ކޮރެއާ އިން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

"1945" ނަމަކަށް ކިޔާ ވެބްސައިޓެއްގައި ބުނެފައިވާ ގޮތުގައި ކިމް ޖޮން އުން އާއި އޭނާގެ އާއިލާގެ މެންބަރުންގެ އިތުރުން އުތުރު ކޮރެއާ ސަރުކާރުގެ ބައެއް އިސްވެރިންނަށް ވެސް ޗައިނާ އިން ވަނީ ކޮވިޑް-19 ވެކްސިން ދީފައެވެ. ވެކްސިން ދިނީ މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން ވެސް އެވެބްސައިޓްގައި ރިޕޯޓް ކޮށްފައި ވެއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއަކީ އަބަދުވެސް ޗައިނާ އާއިއެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ލީޑަރެކެވެ. ޗައިނާ އިން ގެންދަނީ މާލީ ގޮތުން ވެސް އުތުރު ކޮރެއާ އަށް ބޮޑެތި އެހީތަކެއް ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޯރި

    ތިހުންނަނީ އެމެރިކާ ސީއައިއޭއިން ހުޅަނގުގެ މީޑިއާތަކާ ގުޅިގެން މީހުންގެ ސިކުނޑިއާކުޅެން ފަތުރާ ދޮގު ޕުރޮޕެގެންޑާ، ކޮންމެވެސް ކާކުކަން ނޭނގޭމީހަކު ބުނިއަޑުއެހި މީހަކާ ހަވާލާދޭނީ، ބޭނުމަކީ ޗައިނާގެ އަގުވައްޓާލާ މުގާބޭއަށް ހެދިހެން ޖޯކު ވިސްނުން މީހުންގެ ބޮލަށް ވެއްދުން.

    5
    1